ބޮލީވުޑުގައި އެފަދަ ދެވަނައެއް ނެތް ރަންވީރު ސިންގު އާއި ދިޕިކާ ޕަދުކޯނުގެ ކައިވެނީގެ ދެ ޙަފްލާ މި މަހުގެ 14 ވަނަ ދުވަހާއި 15 ވަނަ ދުވަހު ވަނީ އިޓަލީގައި ބާއްވާފައެވެ. ވަރަށް ސިއްރުން ކުރިއަށް ގެންދިޔަ މި ޙަފްލާތަކަށްފަހު ދެ ތަރިން އެނބުރި އިންޑިޔާ އަށް ގޮސްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

އިންޑިޔާ އަށް ގޮސް، ބަންޑްރާގައި ހުންނަ ރަންވީރުގެ ބޮޑު ގެއަށް ގޮސް ދެ ތަރިންވަނީ ސަޤާފީ ގޮތުން ކުރަން ޖެހޭ ބައެއް ކަންތައްތައް ފުރިހަމަ ކޮށްފައެވެ. އެއަށްފަހު، ދެ ތަރިން ގޮސްފައިވަނީ ދިޕިކާ ނިސްބަތްވާ ބެންގަލޫރަށެވެ.

ބެންގަލޫރުގައި ދެ ތަރިންވަނީ މަގުތަކަށް އެއްވެފައިވާ ފޭނުންނަށް ފެނިލާފައެވެ.

ދިޕިކާގެ އުފަން ރަށުގައި މި ދެ ތަރިންގެ ކައިވެނީގެ ތެރޭގައި ހިމެނޭ މުޙިއްމު ބައެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން ބެންގަލޫރުގައި ހުންނަ ލީލާ ޕެލަސްގައި، މިއަދުވަނީ ބޮޑު ޙަފްލާއެއް ބޭއްވުމަށް ނިންމާފައެވެ.

ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ މީޑިޔާތަކުން ބުނެފައިވާ ގޮތުގައި މި ޙަފްލާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި އެންމެ ގިނައިން ހިމެނެނީ ދިޕިކާގެ ބައްޕަ އަދި އިންޑިޔާގެ ބެޑްމިންޓަން ތަރި، ޕްރަކާޝް ޕަދުކޯނުގެ ރަހުމަތްތެރިންކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ. އަދި، މި ޙަފްލާގައި މައިގަނޑު ކެއުމެއްގެ ގޮތުގައިވެސް ހަމަޖައްސާފައިވަނީ ދެކުނުގެ އިންޑިޔާގެ ކެއުމުގެ ބާވަތްތަކެވެ.

ދިޕިކާ އާއި ރަންވީރުގެ ކައިވެނީގެ އެހެން ޙަފްލާތަކަށްވެސް ލިބުނުފަދަ ސަމާލުކަމެއް، މި ޙަފްލާއަށްވެސް ލިބޭނެކަމަށް ބެލެވެއެވެ.