އިންޑިއާގެ ދިއްލީގެ ކެފޭއަކުން ފޯރުކޮށްދިން ކާއެއްޗެހި ނުބައިކަމަށް ކަސްޓަމަރަކު ބުނުމުން، އެ ރެސްޓޯރެންޓުގައި ހިންގި ހަމަނުޖެހުމެއްގައި ކަސްޓަމަރު މަރާލައިފިއެވެ.

އިއްޔެ މި ހާދިސާ ހިނގިއިރު، އޭނާ މަރާލުމުގައި ބައިވެރިވެފައި ވަނީ ވަނީ އެ ކެފޭގައި މަސައްކަތް ކުރަމުންދިޔަ ތިން މުވައްޒަފެކެވެ.

މަރާލި މީހާއަކީ ވެސް އެހެން އަވަށެއްގައި ކެފޭއެއް ހިންގަމުން ދިޔަ މީހެކެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އޭނާ ކާން ދިޔަ ކެފޭގައި ކެއުމާއި މެދު އޭނާ ހިތްހަމަނުޖެހިގެން އެކަން މުވައްޒަފުންގެ ސަމާލުކަމަށް ގެނައުމުންނެވެ. އެހެން ނަމަވެސް އެކަން ރަނގަޅުކުރާނެ ކަމަށް ބުނުމުގެ ބަދަލުގައި އެ ކެފޭގެ މުވައްޒަފުން އޭނާއަށް ޙަމަލާދިނީއެވެ.

އޭނާ އަށް ހަމަލާދީފައި ވަނީ ހަލާކު ވެފައިވާ އުނދުޅިއެއް ބޭނުންކޮށްގެންނެވެ. އެ ތިން މީހުންވެސް އެ މީހާގެ ގައިގާ އެއިން ތެޅިއިރު، އެ މީހާ މަރުވެފައި ވަނީ އޭނާއަށް ލިބުނު އަނިޔާތަކާއި ގުޅިގެން ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައިގައި ޝާމިލުވާ މީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.