ދެކުނު ސޫދާންގެ 16 އަހަރުގެ އަންހެން ކުއްޖަކާއި ކައިވެނި ކުރާނެ މީހަކު ހޯދަން ފޭސްބުކްގައި ކުރިއަށް ގެންދިޔަ ބިޑެއް 500 ގެރި އާއި ތިން ކާރު އަދި 10000 އެމެރިކާ ޑޮލަރު ހުށަހެޅި މީހަކު ކާމިޔާބު ކޮށްފިއެވެ.

ބިޑް ކާމިޔާބު ކުރި މީހާ ވަނީ މިމަހުގެ 03 ވަނަ ދުވަހު އަންހެން ކުއްޖާ އާއި ކައިވެނި ކޮށްފައެވެ.

އަންހެން ކުއްޖާ އާއި ކައިވެނި ކުރާނެ މީހާކު ހޯދަން ފޭސްބުކްގައި ބިޑެއް ކުރިއަށް ގެންދިއުމުން ބައިނަލްއަޤުވާމީ ޖަމިއްޔާތަކުގެ ސަމާލުކަމަށް އެކަން ވަނީ އައިސްފައެވެ. ގިނަ ޖަމިއްޔާތަކުން ގެންދަނީ މިފަދަ ފުރުސަތެއް ފޭސްބުކް އިން ފަހިކޮށްދީފައި އޮތުމުން ފޭސްބުކަށް ވެސް ފާޑުކިޔަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބިޑް ފަށާފައި ވަނީ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު އެވެ. ފޭސްބުކްގެ ސަމާލުކަމަށް އެކަން އައިސް ޕޯސްޓް ފޭސްބުކް އިން ރިމޫވް ކޮށްފައި ވަނީ ނޮވެމްބަރ 09 ވަނަ ދުވަހު އެވެ. އޭރު ބިޑް ނިމި އަންހެން ކުއްޖާ ކައިވެނި ވެސް ކޮށްފިއެވެ.

ދެކުނު ސޫދާންގެ ކަންތައްތަކަށް ހާއްސަ ޕްލޭން އިންޓަނޭޝަނަލް ސައުތު ސޫދާންގެ ޑިރެކްޓަރ ޖޫޖް އޯޓިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަޅުންގެ ވިޔަފާރި މިހާރު ހުރި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ތެރެއިން ކުރެވެމުން ދިއުމަކީ ވަރަށް ކަންބޮޑުވާ މައްސަލައެކެވެ.

އދ.ގެ ކުޑަކުދިންނާއި ބެހޭ ޖަމިއްޔާ ކަމަށްވާ ޔުނިސެފް އިން އަންދާސާ ކުރާ ގޮތުގައި ދެކުނު ސޫދާންގެ ދެބައިކުޅަ އެއްބައި އަންހެން ކުދިން އެކުދިންގެ އުމުރުން 18 އަހަރު ވުމުގެ ކުރިން ކައިވެނި ކުރެއެވެ. ގިނަ ކުދިން ކައިވެނި ކުރަނީ އާއިލާ އިން މަޖުބޫރު ކޮށްގެން ފައިސާ ހޯދުމުގެ ބޭނުމުގައެވެ.

ފޭސްބުކްގެ ގައި ބިޑެއް ކުރިއަށް ގެންގޮސްގެން ކުރި ކައިވެނީގެ މައްސަލަ ބެލުމަށް ވަރަށް ގިނަ ބަޔަކު ގެންދަނީ ދެކުނު ސޫދަންގެ ސަރުކާރަށް ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުން އަދި މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮންގޯ

    ތިޔަވާނީ ޓްރާންޕޯރޓް މިނިސްޓަރަށް!