ރާވަނަ ކޭވް ނުވަތަ ރާވަނަ އެއްލަ ކޭވް، އަކީ ސިލޯނުގެ އުސް އަވަށެއް ކަމަށްވާ އެއްލާގައި ހުންނަ، ތާރީޚީ ބޮޑު ހާދިސާއެއް ހިނގާފައިވާ ހޮހޮޅައެއް ކަމަށްވެއެވެ. ފަރުބަދައެއްގެ މަތީގައިވާ މި ހޮހޮޅައަކީ މީގެ އެތައް ހާސް އަހަރެއް ކުރިން ބަޔަކު ދިރިއުޅެފައިވާތަނެއް ކަމުގެ ހެކިތައް މިއަދާއި ޖެހެންދެން ފެންނާން ހުރިއިރު، މިތަނާއި ބެހޭގޮތުން، ތުންތުންމަތިން އިވޭ، ގިނަ ބަޔަކު ޤަބޫލުކުރާ މަޝްހޫރު ލޯބީގެ ވާހަކައެއް އޮވެއެވެ.

ސީދާ ކޮން ދުވަސްވަރެއްގައި ކަން ތާޜީޚުން އެނގެން ނެތްނަމަވެސް، މީގެ އެތައް ޒަމާނެއް ކުރިން ލަންކާގައި ރާވަނަ ނަމަކަށް ކިއުނު ރަސްކަލަކު ރަސްކަން ކުރި ކަމަށް ވެއެވެ. މި ރަސްގެފާނުގެ ޢަމަލުތައް ހުންނަ ގޮތުން އޭރުގައި ގިނަ ބަޔަކު އޭނާއަށް ނަފްރަތު ކުރިއެވެ. އެހެންކަމުން އޭނާގެ ރަސްކަން ނިމި ރަނގަޅު ރަސްކަމެއް އައުމަށް ގިނަ ބަޔަކު ދިޔައީ އެދެމުންނެވެ.

ލަންކާގެ އެއްލަ

ރާވަނަގެ އުނދަގުލާއި ދުއްތުރާ އެންމެ ބޮޑަށް ޖެހުނު މީހުންގެ ތެރޭގައި އޭނާގެ ކޮއްކޮ، ރާމާ އާއި ރާމާގެ އަނބިމީހާ ސިތާ ހިމެނެއެވެ. ރާވަނަ އަބަދުވެސް ސިތާ އާއި ގުޅެން ބޭނުންވެފައި ހުއްޓާ، ރާމާ އޭނާގެ ލޯބިވެރިޔާ ސިތާ އާއި ކައިވެނި ކުރުމުން އެކަމާއި ރާވަނަ އަބަދުވެސް ހަސަދަވެރިވިއެވެ. އެހެންކަމުން އޭނާ ދިޔައީ ސިތާ ހާސިލް ކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ.

އެޒަމާނުގައި ކަންކަން އޮންނަ ގޮތުން، ރަސްގެފާނުގެ އަރިސް ފަރާތްތައް އެކި ސަރަޙައްދުތަކަށް އެކި ދުވަސްވަރުގައި ރަސްގެފާނުގެ ފަރާތުން މަންދޫބުންގެ ގޮތުގައި ފޮނުވައި އެސަރަޙައްދުތަކުގައި ދުވަސްތަކެއް ވަންދެން ވަޒަންވެރި ކުރުވައެވެ. މިގޮތަށް ކަންތައް ކުރަނީ އެހެން ބަޔަކު ރަސްކަން ފެތުރިފައިވާ ސަރަޙައްދުތަކަށް އަތްގަދަކޮށް ހިފާފާނެ ކަމަށްޓަކައި ކަމަށް ވެއެވެ.

އެއްލަގެ ޖަންގައްޔެއް

މިގޮތުން މަންދޫބުން އެކި ސަރަޙައްދުތަކަށް ފޮނުވި ފަހަރެއްގައި ރާވަނަ ނިންމީ، އޭނާގެ ކޮއްކޮ ރާމާ ޖަންގަލި ބޮޑު މިނިކާ ޖަނަވާރުތައް ގިނަ ސަރަޙައްދަކަށް ފޮނުވާލުމަށެވެ. ރާމާއަށް ރަސްގެފާނު އެކަން އެންގުމުން ލޯބިވާ އަނބިމީހާ ސިތާގެ ގާތުގައި، އޭނާ އެނބުރި އަންނާންދެން ގަނޑުވަރުގައި މަޑު ކުރުމަށް އެދުނެވެ. އެއީ އޭނާ ދާން އުޅޭ ސަރަޙައްދަކީ ނުރައްކާތެރި ތަނަކަށް ވެފައި، ސިތާ ގޮވައިގެން އެފަދަ ތަނަކަށް ގޮސްފި ނަމަ އޭނާއަށް ގެއްލުމެއް ލިބިދާނެ ކަމަށްޓަކައެވެ.

ރާމާގެ މި އެދުމަށް ސިތާ ދެކޮޅު ހަދައި ރާމާއާއި އެކު އެދަތުރުގައި ދިއުމަށް އާދޭސްކުރިއެވެ. ސިތާ ބޭނުންވީ ދެމީހުންގެ ދެމެދުގައިވާ ލޯތްބައްޓަކައި ކޮންމެ ގޮތެއްވީނަމަވެސް ރާމާ އާއި އެކުގައި ހުރުމަށެވެ. އެހެންކަމުން ސިތާގެ އާދޭހަށް ދެކޮޅު ހަދަން ނޭދޭތީ، ރާމާ ނިންމީ އޭނާއާއި އެކު އަނބިމީހާ ދަތުރުގައި ގެންދިއުމަށެވެ. މިކަމާއި ރަސްގެފާނު، ރާވަނަ ހުރީ ވަރަށް ބޮޑަށް ނުރުހުންވެފައެވެ.

އެއްލަ

އޭގެ ފަހުން ރާމާ އާއި ސިތާ އުޅެމުން ދިޔައީ ސިލޯނުގެ "އެއްލާ" ނަމަކަށް ކިއުނު ސަރަޙައްދުގައި ހުންނަ "ރާވަނަ ފޯލްސް" ގެ ނަމުން މިއަދު ނަންދެވިފައިވާ ފެންނާރު (ވޯޓަރފޯލް) ކައިރީގައި ކަމަށް ވެއެވެ. މި ދެމަފިރިން ފެންވަރައި ފެން ބޮއެ އުޅުނީވެސް މި ފެންނާރުން ކަމަށް ބުނެއުޅެއެވެ. ގަނޑުވަރުގައި އުޅުމަށްވުރެ، ރާވަނަ ރަސްގެފާނުގެ އުނދަގުލާއި ނުލައި އުޅެވޭނެ ގޮތެއް މެދުވެރިވުމުން އެ ދެމަފިރިންވެސް ތިބީ އުފަލުންނެވެ. ނަމަވެސް އެ އުފާވެރިކަމަށް ނިމުން އަންނާން ގިނަ ދުވަހެއް ނުނަގައެވެ.

ރާވަނަ ފޯލްސް

އެއްދުވަހެއްގައި ޝިކާރަ ކުރުމަށް ޖަންގަލި ތެރޭގައި އުޅުނު ވަގުތެއްގައި، އާދަޔާއި ޚިލާފު ރީތި ފުއްލާއަށް ފެނިގެން އެ ފުއްލާ ހިފައިދިނުމަށް ސިތާ އޭނާގެ ލޯބިވާ ފިރިމީހާގެ ގާތުގައި އެދުމުން އެ އެދުން ފުރިހަމަކޮށްދިނުމަށް ރާމާ ސިތާ އެތަނުގައި ބެހެއްޓުމަށްފަހު ފުއްލާ އޮތް ދިމާލަށް ދިޔައެވެ. އެކަމަކީ ރާވަނަ ރަސްގެފާނުގެ ނުބައި ރޭވުމެއްކަން ސިތާއަށް އިހުސާސް ކުރެވުނީ ފިރިމީހާ ދިޔަ ދަނޑިވަޅުގައި ރާވަނަ އާއި އޭނާގެ ސިފައިންތަކެއް ގޮސް ސިތާ ވަށާލި ހިސާބުންނެވެ. އެހީއަށް އެދޭނެ ފުރުސަތެއްވެސް ނުދީ ރަސްގެފާނުގެ ސިފައިން ސިތާ ރަހީނުކޮށްގެން ގެންދިޔައީއެވެ.

ރާވަނަ ކޭވް

ރަސްގެފާނު ސިތާ ރަހީނުކޮށްގެން ގޮސް ބަހައްޓާފައި ހުރީ، މިއަދުވެސް އެއްލާގައި ފެންނާން ހުރި "ރާވަނަ ކޭވް" ގައެވެ. މި ހޮހޮޅައަށް "ރާވަނަ ކޭވް"ގެ ނަމުން ނަންދެވުނީވެސް މި ސަބަބަށްޓަކައެވެ. "ރާވަނަ ކޭވް" އަކީ 150 ފޫޓު ދިގު، އަދި ފުޅާމިނުގައި 50 ފޫޓު ހުންނަ ހޮހޮޅައެކެވެ. އެތަނުގެ ތެރޭގައި ސިތާ ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު ރާވަނަ އޭނާއާއި ކައިވެނި ކުރުމަށް ސިތާގެ ކިބައިން އެކި ގޮތްގޮތަށް އެދެމުންދިޔައެވެ. ނަމަވެސް އެކަމަށް ސިތާ އެއްބަސް ނުވުމުން އޭނާއަށް އަނިޔާކޮށް، ދުވަސްތަކެއް ވަންދެން އެގޮތުގައި ގެންގުޅުނެވެ.

ރާމާ އަށް ސިތާ ގެއްލުނު ވަގުތުން ފެށިގެން އޭނާ ދިޔައީ އަނބިމީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރަމުންނެވެ. އެ މަސައްކަތް ކުރާތާ ދުވަސްތަކެއް ވީފަހުން ރާމާއަށް ރަސްގެފާނު ހުރި ހޮހޮޅަ ފެނުނީ ފަރުބަދަ މަތީ ހިސާބު ހޯދަމުން ދަނިކޮށެވެ. ރަސްގެފާނަށް ރާމާ ފެނުމާއި އެކު ސިފައިން ލައްވައި އޭނާ ހިފައި ހައްޔަރުކުރިއެވެ. އަދި ހޮހޮޅައިގެ ދެ ފަރާތުގައި ދެމަފިރިން، އެކަކު އަނެކަކަށް ފެންނާނެހެން ބަނދެފައި ބޭތިއްބުމަށްފަހު ސިފައިންނާއި އެކު ހޮހޮޅަ ދޫކޮށް ދިޔައީއެވެ.

ރާވަނަ ކޭވް

ރާމާ އާއި ސިތާ މަރުވީ އެ ހޮހޮޅައިގައި އެހީތެރިވާނެ ބައެއްގެ އިންތިޒާރުގައި އެގޮތުގައި ތިއްބައި ކަމަށް ވެއެވެ. މި ދެމަފިރިން ދުނިޔެއާއި ވަކިވެގެން ދިޔައީ ކާން ނުލިބި ގަދަވޭނާއި ހިތްދަތި ކަމުގައި އެތައް ދުވަސްތަކެއް ހޭދަކުރުމަށް ފަހު ކަމަށް ބުނެވެއެވެ.

މި ހާދިސާ އާއި ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެމުންދާއިރު، މިއީ މިހާތަނަށް އެންމެ ގިނަ ބަޔަކު މި ހާދިސާ ހިނގި ގޮތް ކަމަށް އިއްތިފާޤުވާ ގޮތެވެ. އަދި ބައެއް ފަރާތްތަކުން މިއީ ފުލޯކު ވާހަކައެއް ކަމަށް ބުނަމުން ދިޔަނަމަވެސް، "ރާވަނަ ކޭވް" އާއި ތާރީޚީ ފަތްފުއްތަކުން ފެންނާން ހުރި ހެކިތައް އެފަދަ ވާހަކަތައް ދޮގުކުރެއެވެ.


"ވަގުތު" މުވައްޒަފުން ސްރީލަންކާ އަށް ކުރި ޗުއްޓީ ދަތުރުގެ ސްޕޮންސަރަކީ އޭސް އޭވިއޭޝަން އެވެ. އޭސް އޭވިއޭޝަން އަކީ ސްރީލަންކަން އެއާލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓެވެ. ދުނިޔޭގެ 53 ސަރަހައްދަކަށް ދަތުރު ކުރުމަށް އޭސް އޭވިއޭޝަން އިން ޓިކެޓް ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެޑަމް

    ހާދަ ދެރަގޮތަކަށްށޭ އެ ލޯބި ދެމަފިރިންމަރުވީ ):

    5
    1
  2. ރިއަލިޓީ

    ތިޔަ ކަންކާގަ މުޅިންވެސް ހިންނަނީ ތިތަކަހަލަ އެކަމެއް ހިނގިތާރީހްނޭނގޭ އަސްލެއްނެތް ކަންކަންދޯ؟

    3
    1
  3. މަ

    ހަމަ ރަނގަޅަށް ތިބުނީ އެޑަމް

    2
    1
  4. ބަލާމީހާ

    ކަލޯމެން މިއަށް ކޮމެންޓު ކުރާއިރު ވިސްނާލިންތަ، މި ރަމާނަޔާއަކީ ދިރާސާ ކުރާ މީހުން ދެކޭގޮތުގައި ދޮން ހިޔަލަ އާއި އަލިފުޅުގެ ވާހަކަ ކަން؟

    2
    4
  5. ފުލޯކު

    ހިންދޫން ގަބޫލުކުރާ 2 ކަލާނގެ ރާމާ(ރާމް) އާ އޭނާގެ އަންހެނުން ސީތާގެ ވާހަކަ އެއްކޮށް ބަދަލު ވެފަ ތިއޮތީ ލަންކާގަ. އެއީ އަސްލު ލަންކާގަ އުޅުނު ބައެއްވެސް ނޫން ކަމަށް ވަނީ. އެވާހަކަ ހިންދޫން ކިޔާ ގޮތުން ލަންކާގެ ރަސްގެފާނު ސީތާއާ ފިކުރާވެގެން ގަދަކަމުން ލަންކާއަށް ގެންދިޔައީ. އެހެން ނަމަވެސް ރާމާ، މަކުނު ރާއްޖޭ މީހުންގެ އެހީގަ ލަންކާއާ އިންޑިޔާއާ ދޭތެރޭ ދާލަމެއް (މިހާރު ކިޔާ ގޮތުން ނަމަ ރާމާ ބްރިޖް ނޫނީ އެޑަމްސް ބްރިޖް) އަޅައިގެން ގޮސް ސީތާ ސަލާމަތް ކުރަނީ. އެދެ މީހުންނަށް އެއް މާބަނޑު 2 ފިރިހެން ދަރިންވެސް ލިބޭ. ސީތާ މަރުވަނީ އޭނާ ދުޢާކޮށްގެން ބިން ފަޅައި އަޑިޔަށް ގޮސްގެން. ރާމާ މަރުވަނީ އަދި މާ ފަހަކުން.

    4
    5