އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ޕްރިންސް ހެރީ އާއި މޭގަން މާކެލް، ޝަހީ އާއިލާގެ ކެންސިންޓަން ޕެލަސް އިން ނުކުމެ، އަމިއްލަ ތަނެއްގައި ދިރިއުޅެން ނިންމައިފިއެވެ.

ކެންސިންޓަން ޕެލަސް އިން ވަނީ މިއަދު މިކަން ހާމަކޮށްފައެވެ. ކެންސިންޓަން އިން ހާމަކޮށްފައިވާ ގޮތުގައި ހެރީ އާއި މޭގަން، ޝާހީ ގަނޑުވަރުން ބޭރަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ވަރަށް ގިނަ ސަބަބުތަކެއްވެއެވެ. އެގޮތުން، އެންމެ މުޙިއްމު އެއް ސަބަބަކީ، އެމީހުންގެ ދަރިފުޅު އުފަންވާއިރު، ޖާގަ ބޮޑު ތަނެއްގައި ދިރިއުޅުންކަމަށް ބުނެފައިވެއެވެ.

ޕްރިންސް ހެރީގެ ދެމަފިރިން، ކެންސިންޓަން އިން ބޭރަށް ދިއުމަށް ނިންމާފައިވާ އަނެއް ސަބަބަކީ ޕްރިންސް ވިލިއަމް އާއި ކޭޓްއާ ދުރަށް ދިޔުމެވެ. ހެރީ އާއި ވިލިއަމް އިތުރަށް އެކުގައި ދިރިއުޅެން ބޭނުންނުވާކަން ވަނީ ހާމަކޮށްފައެވެ. އަދި، އެއީ ދެމީހުންވެސް އެމީހުންގެ އަމިއްލަ ދިރިއުޅުމަށް ބޮޑަށް އިސްކަން ދިނުމުގެ ގޮތުންކަމަށް ކެންސިންޓަން އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން ސަސެކްސްގެ ޑޫކް އާއި ޑަޗެސް ބަދަލުވުމަށް ނިންމާފައިވަނީ ފްރޮގްމޯ ކޮޓެޖުގައި ހުންނަ އަގުބޮޑު ގެއަކަށެވެ. އެހެންނަމަވެސް، ހޭރީ އާއި މޭގަންގެ އޮފީސް އަދިވެސް ހުންނާނީ ކެންސިންޓަންގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އިނގިރޭސި މީޑިއާތަކުން ބުނެފައިވާ ގޮތުން، ކުރިން ބެލެވުނީ ހެރީއާއި މޭގަން ބަދަލުވާނީ ކެންސިންޓަން ޕެލަސްގެ ތެރޭގައި ހުންނަ 21 ކޮޓަރީގެ އެޕާޓްމަންޓަކަށް ކަމަށެވެ. މިހާރު އެތަނުގައި އުޅެމުންދަނީ ހެރީގެ ދެބެންގެ ދެދަރި މީހެކެވެ. އެހެންނަމަވެސް، އެތަނުގައި އުޅެމުންދާ މީހުން، އެތަން ދޫކޮށްލުމަށް ބޭނުން ނުވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިކަމާ ގުޅިގެން އިނގިރޭސި މީޑިއާތަކުން އެކި ގޮތްގޮތަށް ދަނީ ވާހަކަތައް ދައްކަމުންނެވެ.