ކާބޯތަކެއްޗާއި ފެނާއި ކަސްރަތު ފަދައިން ނިންޖަކީވެސް ހަށިގަނޑަށް ނުހަނު ފައިދާހުރި އެއްޗެކެވެ. އިންސާނާގެ ހަށިގަނޑަށް ކޮންމެހެންވެސް ބޭނުންވާ އެއްޗެކެވެ. ދުވަހީ މަސައްކަތްތައް ރަނގަޅަށް ކުރުމަށާއި، ދުޅަހެޔޮ ޞިއްޙަތަކަށް މިއީ ކޮންމެހެންވެސް ބޭނުންވާ ކަމެކެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި އެވްރެޖުކޮށް ކޮންމެ މީހަކަށްވެސް ހަތް ގަޑިއިރާއި ނުވަ ގަޑިއިރާ ދެމެދުގެ ނިދި ބޭނުންވާނެއެވެ.

ހަމަ ނިދި ބޭނުންވާކަމުގެ އަލާމާތަކީ ހަމައެކަނި ގަދައަށް ނިދި އައުމެއް ނޫނެވެ. ނުވަތަ ހާފުރުމެއްވެސް ނޫނެވެ. ހަމަ ނިދި ނުލިބޭކަމުގެ އަލާމާތްތަކަކީ ހީނުކުރާފަދަ ކަންކަމަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެގޮަތުން، ބައެއް ކަންތައްތައް ތިރީގައި ފާހަގަކޮށްފައި އެވަނީއެވެ.

އަބަދުވެސް ބަނޑުހައިވެފައި ހުރުން

ކަމުގެ މާހިރުން ފާހަގަކުރާ ގޮތުގައި އަބަދު ބަނޑުހައިވެފައި ހުރުމަކީ ހަމަ ނިދި ނުލިބޭކަމުގެ އަލާމާތެއް ނުވަތަ ނިޝާނަކަށް ވުން އެކަށީގެންވެއެވެ. ފިޓްނަސް ދާއިރާގެ ފަރާތްތަކުންވެސް، ހަމައަށް ނިދުމަށް އެތައް ނަސޭހަތެއް ދެއެވެ. ސަބަބަކީ، ހަމައަށް ނުނިދާނަމަ އަބަދު ބަނޑުހައިވެފައި ހުރެ، އެކަމުން ގިނައިން ކެއުމަށް މަގުފަހިވާތީއެވެ.

މޫނުގައި އޮށާޅަ ނެގުން

ހަމަ ނިދި ނުލިބޭކަމުގައިވާނަމަ ތިމާގެ ބުރުސޫރައަށްވެސް އެކަމުން އަސަރުކުރެއެވެ. އެގޮތުން، މޫނުގައި އޮށާޅަ ނުވަތަ އެކްނީ ނެގުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ނިދުމުގެ ސަބަބުން ހަންގަނޑަށް ބޭނުންވާ މުޙިއްމު މާއްދާއެއް ލިބުމަށް މަގުފަހިވެއެވެ.

އިނެފެކްޝަން

ރަނގަޅަށް ނުނިދާކަމުގައިވާނަމަ ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވާނެކަމާމެދު ޞިއްޙީ ތަޖުރިބާކާރުން އިއްތިފާޤުވެއެވެ. ތަފާތު ބެކްޓީރިޔާ ތަކާއި ވައިރަސްތަކުގެ އަސަރު ހަށިގަނޑަށް ގިނައިން ކޮށް، ގިނައިން އިންފެކްޝަންތަކާ ކުރިމަތިލާން ޖެހުމަކީ، ހަމަ ނިދި ނުލިބޭކަމުގެ ނިޝާނެކެވެ. ހަމަ ނިދި ނިދަން ޖެހޭކަން އަންގައިދޭ ސިގްނަލެކެވެ.

އިތުރަށް

ކޮންމެ ރެއަކުވެސް ނިދަން ޖެހޭ މިންވަރަށް ނިދިކަމުގައިވިޔަސް ހޭލުމަށްފަހު އަނެއްކާވެސް ވަރުބަލިވެ، ނިދި އައިސްފައި ހުންނަ ގޮތް ދިމާވެއެވެ. މިކަމަކީ އާއްމުކޮށް ދިމާވާ ކަމެއްކަމުގައިވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުޙިއްމު ކަމެކެވެ. އެއީ، ކޮންމެވެސް އެހެން ބައްޔެއްގެ އަލާމާތަކަށް އެކަން ވެދާނެތީއެވެ.