ހޮލީވުޑްގެ އެންމެ ނަން މަޝްހޫރު އެއް ޖޯޑުކަމުގައިވާ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޒޭން މާލިކް އަދި މޮޑެލް ޖީޖީ ހަޑިޑް ދެ އަހަރަށްފަހު އެ ދެ ތަރިންގެ ލޯބީގެ ގުޅުން ނިންމާލައިފިއެވެ.

ދެ ތަރިންގެ "ބްރޭކް އަޕް" ޔަގީންކޮށްދެމުން ޒޭން ވަނީ ޓްވިޓާރގައި އޭނާއާއި ޖީޖީގެ ގުޅުމަކީ އާދަޔާޙިލާފް އަދި ވަރަށް ހާއްސަ ގުޅުމެއް ކަމަށާއި އަދި އެ ގުޅުން ނިންމާލަނީ ދެ ފަރާތުންވެސް ލޯތްބާއި އިޙްތިރާމް އަދާކުރަމުންކަމަށާއި އަދި މި ދަތި ވަގުތުކޮޅުގައި ހުރިހާ ފަރާތްތަކުންވެސް ދެ ފަރާތުގެ މިނިވަންކަމަށާއި އަމިއްލަ ދިރިއުޅުމަށް ބުރޫއަރާފާނޭފަދަ ގޮތަކަށް އަމަލުނުކުރުމަށް ގޮވާލައިފައެވެ.

ޖީޖީވެސް ވަނީ ޓްވިޓާރގައި ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުމަށް ޝުކުރުވެރިވާކަމަށާއި އަދި އަބަދުވެސް ޒޭންއަށް އެންމެ ހެޔޮގޮތްވުމަށް އެދޭނޭކަމަށް ބުނެފައެވެ.

ޒޭން އާއި ޖީޖީގެ އެތައް ސަޕޯޓަރުންނެއް ދަނީ މި ދެ ތަރިންގެ ގުޅުން ނިމުމުގެ ސަބަބުން އެކަމުގެ ހިތާމަ ފާޅުކުރަމުންނެވެ.

ޒޭން އާއި ޖީޖީ އަކީ ހޮލީވުޑްގެ އެންމެ ނަން މަޝްހޫރު އެއް ޖޯޑަށް ވާއިރު އެތައް ބަޔަކު ދިޔައީ މި ދެ ތަރިންގެ ގުޅުން ކައިވެންނާއި ހިސާބަށްދިޔުމަށް ވެސް އުންމީދުކުރަމުންނެވެ.

ޒޭން އަކީ ކުރީގެ މަޝްހޫރު ބޭންޑް ވަން ޑިރެކްޝަންއިން މަޝްހޫރުވި ފަންނާނެކެވެ. ޖީޖީ ހަޑިޑް އަކީ ވިކްޓޯރިއާ ސީކްރެޓް މޮޑެލް އެކެވެ. މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރުވެފައިވާއިރު ޖީޖީ ވަނީ ޒޭންގެ ލަވައެއްކަމުގައިވާ ޕިލޯވް ޓޯކްގައިވެސް އެކްޓްކޮށްދީފައެވެ.