ދުނިޔެ ފިޔަވައި އެހެން ގުރަހައެއް (ޕްލެނެޓެއް) ގައި ދިރުމެއް ވޭތޯ ސައިންސްވެރިން ކުރަމުން އަންނަ މަސައްކަތަކީ މީގެ އެތަކެއް ޒަމާނެއް ކުރިންވެސް ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް، އިތުރު ގުރަހައެއްގައި ދިރުމެއްވާކަމެއް ހޯދިފައި ނުވާއިރު، ޓެކްނޮލޮޖީގެ އާ ޒަމާނެއްގައި ކުރިއަރައި ގޮސް ދުނިޔޭގެ ދިރުންތައް ވަނީ ދުނިޔެއިން ބޭރަށް ދަތުރުކޮށްފައެވެ. ހަމަ އެހެންމެ ޖައްވީ އުޅަނދުތަކާއި ރޮބޮޓްތައް، އިންސާނުންނަށް މީގެ ކުރިން ކައުނުން ދެވިފައިނުވާ އެތައް ހިސާބަކާއި ހަމައަށް ވަނީ ވާސިލުވެފައެވެ. އޭގެތެރެއިން ފާހަނގަކޮށްލެވޭ އެއް އުޅަނދަނީ ދުނިޔެއާއި ޖެހިގެން، 54.6 މިލިއަން ކިލޯމީޓަރު ދުރުގައި އޮންނަ މިއްރީޚު (މާސް) އަށް ފޮނުވާފައިވާ ކިއުރިއޯސިޓީ ރޯވާއެވެ.

2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ދުނިޔެއިން ލޯންޗްކުރި ކިއުރިއޯސިޓީ މިއްރީޚުއާއި ހަމައަށް ވާސުލުވެފައި ވަނީ އޭގެ އަށްވަރަކަށް މަސް ފަހުން ޖެހިގެން އައި އަހަރުގެ އޮގަސްޓު މަހުގެ ކުރީކޮޅުގައެވެ. އެއަށްފަހު ގުރަހައިގެ ގިނަ ދިރާސާތަކާއި ތަހުލީލުތައް ކިއުރިއޯސިޓީ މެދުވެރިކޮށް ސައިންސްވެރިން ކުރަމުންދާއިރު، މީގެ ކުރިން އެ ގުރަހައާއި ގުޅޭގޮތުން ނޭނގޭ އެތައް ކަންކަމެއް ވަނީ ހޯދިފައެވެ.

ކިއުރިއޯސިޓިގެ މި ދަތުރުގައި މިއްރީޚުގެ އެކިއެކި މަންޒަރުވެސް ދުނިޔެއަށް ފޮނުވަމުންދާއިރު، ދުނިޔެއިން ބޭރުގައި އެހެން ގުރަހައެއްގައި ނަގާފައިވާ ފުރަތަމަ ސެލްފީވެސް ކިއުރިއޯސިޓީން މިހާރު ވަނީ ދުނިޔެއަށް ފޮނުވާފައެވެ. ގިނަ ބައެއްގެ ސަމާލުކަމަށް ހުއްޓުނު މި ސެލްފީން ފެންނަނީ ކިއުރިއޯސިޓީގެ އެންމެ މައި އެއް ކެމެރާއިން މުޅި އުޅަނދު އެއްކޮށްއަރާ ފޮޓޯއެއް މިއްރީޚުގެ ފަރުބަދަމަތީ ސަރަޙައްދަކުން ނަގަފައިވާ މަންޒަރެވެ. މި ފޮޓޯއިން ގުރަހައިގެ ބޮޑު ސަރަޙައްދެއްވެސް ފެނެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި މިއްރީޚުގެ މުޙިންމު ތަހުލީލުތަކެއް ކިއުރިއޯސިޓީން ކުރަމުންދާއިރު، މިހާރު ކުރިއަށްދަނީ ގުރަހައިގެ ބިންހަނޑުގެ ފަށަލައެއްގެ ތަހުލީލުތަކެވެ. މިއްރީޚުގެ ބިމުގައި ފެނުގެ އަސަރު ހުރި މިންވަރެއް ދެނެގަތުމަށްކުރާ މިފަދަ ތަހުލީލެއް މީގެ ކުރިންވެސް އެ ގުރަހައިގެ އެހެން ސަރަޙައްދެއްގައި ކުރިއަށްގެންގޮސްފައިވާއިރު، އެ ތަހުލީލުން އެނގިފައިވަނީ ކޮންމެވެސް ޒަމާނެއްގައި އެ ސަރަޙައްދަކީ ފެން ހުރިތަނެއް ކަމެވެ. އަދި ބިމުގެ އަޑީގައިވެސް ފެނުގެ ފަށަލައެއް ވެދާނެކަމަށް ވަނީ ބެލެވިފައެވެ.

އިރުގެ އަލިން ހަކަތަ އުފައްދައިގެން މަސައްކަތްކުރާ ކިއުރިއޯސިޓީ ރޯވާއަކީ ނިއުކްލިއަރ ހަކަތަވެސް ބޭނުންކުރުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދެކެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި މިއްރީޚުއަށް ވެލީގެ ތޫފާނެއް އަރަމުންދާތީ އިރުގެ އަލި މާބޮޑަށް އުޅަނދާއި ހަމައަށް ވާސިލުނުވުމުން މިހާރު މަސައްކަތްކުރަމުން ދަނީ ނިއުކްލިއަރ ހަކަތަ ބޭނުންކޮށްގެންނެވެ.

ކިއުރިއޯ ސިޓީގެ ކުރިންވެސް މިއްރީޚުއަށް ވަނީ އުޅަނދެއް ފޮނުވާފައެވެ. 2004 ވަނަ އަހަރުގެ ކުރީކޮޅު މިއްރީޚުއަށް ޖެއްސި މި އުޅަނދު، ވެލީގެ ތޫފާނެއްގައި ވަނީ ވީނުވީއެއް ނޭނގި ކޮންޓްރޯލް ގެއްލިފައި ކަމަށް ވެއެވެ.

މިއްރީޚުގެ ހޯދުންތަކަށްފަހު، ކޮންމެވެސް ޒަމާނެއްގައި އެ ގުރަހައަށް އިންސާނުން ދަތުރުކުރުމަކީ ސައިންސްވެރިން ކުރާ އުންމީދެކެވެ. އެގޮތުން އެފަރާތްތަކުން ދަނީ މިއްރީޚުގެ ބިމުގައި ސްޓޭޝަންތައް ތައްޔާރުކޮށް އެތަނުގައި ޤާއިމްވެ ތިބެވޭނެގޮތުގެ ޕްލޭނެއްވެސް ތައްޔާރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮސް

    ޖާހިލު މުއްލާއިންނަށް ހިތާމަވެރި ޚަބަރެއް

    • އެ

      ކޮބާ މުއްލާ އަކީ؟

  2. ބުރާާންތި

    ސައެންސް ކުރިއަރުވަން މިނިސްޓްރީތައް ހަދާއިރު ޖާހިލުކަން ފަތުރަން ވެސް ބަޔަކު ލައްކަ ހިއްވަރު އެބަކުރޭ

  3. ށަވިޔަނި

    ދުނިޔެއަކީ ވަށްއެއްްޗެއްކަން ފުރަތަމަ ހޯދީވެސް މުއްލާއިން. ދެރަވޭދޯ ކަާފަރުން ޖާހިލުކަމާހެދި. ލޮލް.