ފޮޓޯއަކުން ހަޤީޤީ މަންޒަރެއް ގިނަ ފަހަރު ނުފެނެއެވެ. ހާއްސަކޮށް މީސް މީޑިއާގެ ތަފާތު އެކައުންޓްތަކުން އެކި މީހުން އާންމު ކުރަމުން ގެންދާ ފޮޓޯތަަކަށް ބަލާފައި އެއީ އެމީހުންގެ ހަޤީޤީ ދިރިއުޅުން ކަމަށް ގަބޫލު ކުރެވޭނަމަ އެއީ ގޯހެކެވެ. ބައެއް މީހުންނަކީ މީހުންގެ ސަމާލުކަން ހޯދަން ހަޤީޤަތެއްނެތް ފޮޓޯތައް ޕޯސްޓް ކުރަމުންދާ މީހުންނެވެ.

މިހާރު ކަންތައްތައް ރޭވިފައި ހުރިގޮތައް ބަލާއިރު އިންސްޓަގްރާމްގައި ވަރަށް މުއްސަނދި ދިރިއުޅުމެއް އެހެން މީހުންނަށް ދައްކާލުމަކީ އެއްވެސް ކަމެއް ނޫނެވެ.

މުއްސަނދި ދިރިއުޅުމެއް އެހެން މީހުންނަށް ދައްކާލަން ބޭނުންވެ ނަމަވެސް އެފަދަ ކަމެއް ހާސިލް ނުކުރެވި ވެސް އެތައް ބަޔަކު އެބަތިއްބެވެ. އެފަދަ މީހުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ.

އެމެރިކާގެ ލޮސްއެންޖެލިސްގައި މިހާރު ގެންދަނީ ހަމައެކަނި ފޮޓޯ ނެގުމަށް ހާއްސަ ޕްރައިވެޓް ޖެޓެއްގެ ޚިދުމަތް ދެމުންނެވެ.

ގަޑިއިރަކަށް 1100 އެމެރިކާ ޑޮލަރު ދިނުމުން ޕްރައިވެޓް ޖެޓެއްގެ ތަޖުރިބާ ކުރެވޭ ގޮތައް ހަދާފައިވާ ފޮށިގަނޑެއްގެ ތެރޭގައި ބޭނުން ގޮތަކަށް ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެއެވެ. ފޮޓޯ ބަލާލާފައި އެއީ ހަޤީޤަތުގައި ވެސް ޕްރައިވެޓް ޖެޓެއް ނޫންކަމެއް ނޭނގޭނެއެވެ.

ފޮޓޯ ނަގަން ހާއްސަކޮށް ހަދާފައިވާ ޕްރައިވެޓް ޖެޓް
ފޮޓޯ ނަގަން ހާއްސަކޮށް ހަދާފައިވާ ޕްރައިވެޓް ޖެޓް

މިމަސައްކަތް ކުރާ ކުންފުނިން ވަނީ އެމީހުންގެ "ޕްރައިވެޓް ޖެޓް" އެހެންގައުމުތަކަށް ގެންގޮސް މީހުންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ފަހިކޮށްދޭށެވެ. އެހެންކަމުން ޕްރައިވެޓް ޖެޓަކަށް ހަޤީޤަތުގައި އެރުމުގެ ފުރުސަތު އަދި ނުލިބުނު ނަމަވެސް "ޕްރައިވެޓް ޖެޓެއްގައި" ފޮޓޯ ނެގުމުގެ ފުރުސަތު ލިބިދާނެއެވެ.

ފޮޓޯ ނަގަން ހާއްސަކޮށް ހަދާފައިވާ ޕްރައިވެޓް ޖެޓް ދުރުން ފެންނަ ގޮތް
ފޮޓޯ ނަގަން ހާއްސަކޮށް ހަދާފައިވާ ޕްރައިވެޓް ޖެޓް ދުރުން ފެންނަ ގޮތް

މިފަދަ ގޮތަކަށް ފޮޓޯ ނެގުމުގެ ފުރުސަތު އޮތްކަން މީޑިއާގައި ހާމަވުމާއި އެކު އެތައް ބަޔަކު ގެންދަނީ މިހާރު މީހުންގެ ދިރިއުޅުން އޮޅުވާލެވޭ މިންވަރު އާދަޔާއި ހިލާފަށް ތަފާތުވެފައިވާ ކަމަށް ބުނެ ހައިރާންކަން ފާޅުކުރަމުންނެވެ. އިންސްޓަގްރާމް އިން ލައިކް ތިދެވެނީ އޮޅުވާލާފައިވާ ދިރިއުޅުމަކަށް ވެދާނެ ކަމަށް އެތައް ބަޔަކަށް މިހާރު ގަބޫލުކުރެވެއެވެ.