ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ މިދަނީ ގިނަ ގުނަ ކާމިޔާބީތައް ހޯދަމުންނެވެ. ޓެކްނޮލޮޖީގެ ސަބަބުން އައު ހޯދުންތަކާއި އައު އީޖާދުތައް ކޮންމެ ދުވަހަކުހެންމެ ދުނިޔެެއަށް ދަނީ އުފަން ވަމުންނެވެ. ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުން މިވަނީ އެތައް ހަރުފަތެއް މައްޗަށް ޖެހި އެތައް ގުނައެއް ފަސޭހަވެފައެވެ.

އެގޮތުން ދުނިޔޭގެ ފުރަތަމަ 3ޑީ ޕްރިންޓެޑް އީ-ސައިކަލް މިހާރު މި ވަނީ އާންމުނަށް ދައްކާލާފައެވެ. އަލަށް ދައްކައިލި 3ޑީ ޕްރިންޓެޑް ސައިކަލު "ނޭރާ" މާ ގިނަ ދުވަހެއް ނުވެ ބާޒާރަށް ނެރޭނެ ކަމަށް ބެލެވެއެވެ.

ޖަރުމަންގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބިގްރެޕުން ތައްޔާރުކޮށްފައިވާ "ނޭރާ"ގެ ބައިތައް 3ޑީކޮށްފައި ހުރީ ފިއުޒްޑް ފިލަމެންޓް ފެބްރިކޭޝަން (އެފްއެފްއެފް) ޕްރޮސެސްއިންނެެވެ. އެހެންކަމުން އެ ސައިކަލު ވެގެންދާނީ ބަލާލަން ހިތްގައިމު، އޮފަކަން ގަދަ ސައިކަލަކަށެވެ. އަދި ޑިޒައިންގެ ގޮތުން ތަފާތު ސައިކަލަކަށެވެ.

"ނޭރާ" ފަރުމާކޮށްފައި މާކޯ މެޓިއާ އާއި މެކްޒިމިލަން ބުނެފައިވާ ގޮތުގައި ސައިކަލް ތައްޔާރުކޮށްފައި ވާނީ ބާޒާރުން މި ވަގުތު ލިބެން ނެތް އަދި ސީދާ "ނޭރާ" އަށް ހާއްސަކޮށްގެން ތައްޔާރު ކުރި ބާވަތްތަކުންނެވެ. އެގޮތުން "ނޭރާ" ގެ ހާއްސަ ފީޗާތަކުގެ ތެރޭގައި އެއާލެސް ޓަޔަރާއި، އެމްބެޑެޑް ސެންސަ ޓެކްނޮލޮޖީ ހިމެނޭނެ ކަމަށް އެމީހުން ބުނެއެވެ.

ފުރަތަމަ 3ޑީ ސައިކަލު "ނޭރާ" ދައްކާލައިފައިވާއިރު މި ސައިކަލު ބާޒާރަށް ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ސައިކަލު ފަރުމާކޮށްފައިވާ ގޮތުން މި ސައިކަލުގެ އަގު ބޮޑުވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.