ވައްކަން ފަދަ ނުބައި ކަންތައްތައް ކުރުމުގެ ތެރޭގައި އެކަންކަން ކުރާ މީހުންނަށް ލިބޭ ލަނޑުތައްވެސް ގިނަވާނެއެވެ. އެފަދަ ކަންކަމުގެ ތެރޭގައި އެމީހުންނަށް ލިބޭ ގެއްލުންތައްވެސް ގިނަވާނެއެވެ. އެގޮަތުން، މިއީވެސް އެފަދަ ކަމެކެވެ.

އަވަށްޓެރި އިންޑިޔާގެ ވެއްލޫރުގެ ސިޓީއެއްކަމުގައިވާ ޕުޒްހަލުގެ މަގެއްގައި ޕާކުކޮށްފައި އޮތް ވޭނެއް ހަލާކު ކޮށްލައިގެން، އެ ވޭން ވަގަށް ނަގައިގެން ދިޔަ މީހަކަށް ވަނީ ބޮޑު ލަނޑެއް ލިބިފައެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މީހަކު ވަގަށް ނަގައިގެން ދިޔަ ވޭން ވަނީ މަގުމަތީގައި ހުއްޓިފައެވެ. ކޮންމެވެސް މައްސަލައެއް ދިމާވެގެން މި އުޅަނދު ހުއްޓުނުއިރު، ކޮށްޕައިގެން ނޫނީ މި ވޭން ސްޓާޓް ކުރެވޭކަށް ނެތެވެ. އެކަމުގެ ސަބަބުން، މި ވޭން ކޮއްޕައިދޭނެ ބައެއް ހޯދަން ޖެހުނެވެ.

މި މަސައްކަތަށް ވަގު ކަލޭގެ ގޮވާފައިވަނީ، ކައިރީގައި ހުރި ކުޑަ ކުޑަ ކެފޭއެއްގެ ތެރޭގައި ސައި ބޯން ތިބި ދެ މީހުންނަށެވެ. ގޮވާލުމާއެކު މި ދެ މީހުންވަނީ މަސައްކަތް ފަށާފައެވެ. ވަގު ކަލޭގެއަށް ނޭނގުނު ކަމަކީ، މިއީ ދެ ފުލުހުން ކަމެވެ. ސަބަބަކީ އެމީހުން ތިބީ ކުލަ ހެދުމުގައިކަމެވެ.

ވޭން ކޮއްޕުމުގެ މަސައްކަތުގައި ދެ ފުލުހުން ހަރަކާތްެރިވާން ފެށުމާއެކު އެމީހުންވަނީ ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަ ކުރެވިފައެވެ. އެއީ، ވޭންގެ ވިންޑޯ ބިއްލޫރިގަނޑު ހަލާކުކޮށްލާފައިވުމާއި، ވޭން ގައި ތަޅުދަނޑިއެއް ނެތުމެވެ.

މި ފުލުހުން، ވައްކަން ކުރި މީހާ ވަނީ ވަގުތުން ހިފަހައްޓާފައެވެ. ނަސީބު ކަން ދިމާ ކުރިގޮތުން، ވޭންގެ ވެރިމީހާގެ ފޯނު ނަމްބަރުވަނީ ވޭންގެ ފަހަތުގައި ލިޔެފައެވެ. އެމީހާއަށް ގުޅައިގެން މައުލޫމާތު ސާފު ކުރުމުން އެނގުނު ގޮތުގައި، އޭގެ ކުރީ ރޭ، އެވޭން ވަނީ ވަގަށް ނަގާފައެވެ.