ކެންސަރަކީ މިހާރުގެ ދުނިޔެއަށް ބަލާއިރު އެންމެ ނުރައްކާތެރި އެއް ބައްޔެވެ. ކޮންމެ އަހަރަކުވެސް ކެންސަރާ ހަނގުރާމަކޮށް އެތައް ބަޔަކު ދުނިޔެއާ އަލްވަދާއު ކިޔައެވެ. އެކި ގުނަވަންތަކަށް ޖެހޭ ކެންސަރުގެ ސަބަބުން ކޮންމެ އަހަރަކުވެސް އެތައް ބަޔަކު ފަރުވާ ހޯދައެވެ.

މިއީ، ވަރަށް ނުރައްކާތެރި ބައްޔެއްކަމަށްވާއިރު، އިންސާނުންގެ ދިރިއުޅުމުގެ އާދަތަކަށް ގެންނަ ބަދަލުތަކެއްގެ ސަބަބުންވެސް ކެންސަރުގެ ނުރައްކަލާ ވަރަށް ބޮޑުތަން ދުރުވެވޭނެއެވެ. އެއީ، ކެއުމަށާއި ހަށިގަނޑާ ގުޅުންހުރި އެހެންވެސް ބައެއް ކަންކަމަށް ބަދަލުތަކެއް ގެނެސްގެންނެވެ.

އެގޮތުން، އެފަދަ ބައެއް ކަންކަމަށް ބަލާލާނަމެވެ.

ހަކުރު ގިނަ ބުއިންތަކާ ދުރުވުން

ހަކުރު ގިނަ ބުއިންތަކަކީ ހަމައެކަނި ހަކުރު ބައްޔާއި އޮބޭސިޓީ އަށް މަގުފަހި ކުރާ ކަމެއް ނޫނެވެ. އަދި ކިއެއްތަ، މިއީ ބައެއް ޒާތުގެ ކެންސަރަށްވެސް މަގުފަހިކުރުވާ އެއްޗެކެވެ. އެގޮތުން، ބައެއް ޒާތުގެ ކެންސަރު ޖެހުމުގެ ފުރުޞަތު 87 އިންސައްތަ، މިފަދަ ބުއިންތަކުގެ ސަބަބުން އިތުރުވާކަމަށް މާހިރުން ބުނެއެވެ.

ހަރަކާތްތެރިވެ އުޅުން

އަބަދު އެއް ތަނެއްގައި މަޑުން އިނުމުގެ ބަދަލުގައި ތެދުވެ، ހަރަކާތްތެރިވެގެން އުޅުމަކީވެސް ކެންސަރުން ދުރުވުމަށް ކުރެވިދާނޭ މުޙިއްމު ކަމެކެވެ. ސައިންސްވެރިން ބުނާ ގޮތުގައި ހަރަކާތްތެރިވެ އުޅުމަކީ ކޮލޯން އާއި އެންޑޮމެޓްރިއަލް އަށް ޖެހޭ ކެންސަރު 24 އިންސައްތަ ދަށް ކުރުވާ ކަމެކެވެ.

ދުޅަހެޔޮ ބަރުދަނެއްގައި ހުރުން

ކަމުގެ މާހިރުން ބުނާ ގޮތުގައި މާ ބޮޑަށް ބަރުވުމަކީވެސް ކެންސަރުގެ ނުރައްކަލަށް މީހާ ހުށަހެޅިގެންދާ ކަމެކެވެ. އެފަރާތްތަކުން ބުނާގޮތުގައި އިސްކޮޅާ ބަރުދަނާ ހުންނަން ވާނީ ބެލެންސްކޮށެވެ. އެހެންކަމުން ބޮޑީ މާސް އިންޑެކްސް (ބީއެމްއައި)، 20 ނޫނީ 25 ގައި ހުންނަން ޖެހެއެވެ.

ރެޑް މީޓްގެ ބާވަތްތަކުން ދުރުވޭ

ރެޑް މީޓްގެ ބާވަތްތަކަކީ ކެންސަރަށް މަގުފަހިވާ ބާވަތްތަކެއްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އިންވެސް ހާމަކޮށްފައިވެއެވެ. އެހެންކަމުން، ކެންސަރާ ދުރުވުމަށް، މި ބާވަތްތަކުންވެސް ދުރުހެލިވާން ޖެހެއެވެ.

މި ނޫންވެސް...

- މި ނޫންވެސް އެތައް ކަމެއް، ކެންސަރާ ދުރުވުމަށް ކުރެވިދާނެއެވެ. އެގޮތުން، އެކަންކަމުގެ ތެރޭގައި:

- ކޮންމެ ދުވަހަކުވެސް ވިޓަމިން ޑީ ލިބޭ ބާވަތްތައް ބޭނުން ކުރުން

- ސަޕްލިމެންޓް ނުނެގުން

- ގާތުން ދިނުން

- ޞިއްޙަތަށް ފައިދާހުރި ބާވަތްތައް ބޭނުން ކުރުން

- ދުންފަތުގެ ބާވަތްތަކާއި ބަނގުރަލާ ދުރުވުން