ބޮލީވުޑްގެ މައްޝޫރު ތަރިއެއް ކަމުގައިވާ ނަރެންދްރަ ޖާ މަރުވެއްޖެއެވެ.

އިންޑިޔާގެ ޚަބަރުތައް ބުނާގޮތުން، ނަރެންދްރަ މަރުވެފައިވަނީ މިއަދު ގާތްގަނޑަކަސް ފަތިހު 5:00 ގައި ވާޑާގެ ފާރމް ހައުސްއެއްގައެވެ. އޭނާ މަރުވީ ހާރޓް އެޓޭކެއް ޖެހިގެން ކަމަށްވެސް އާއިލާއާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މަރުވިއިރު އުމުރުން 55 އަހަރުގެ ނަރެންދްރަ ދިޔައީ، މައިނާ އެޓޭކަކަށް ބޭސްފަރުވާ ކުރަމުންނެވެ. މުމްބާއީގެ ކޮކިލަބެން ހޮސްޕިޓަލްގައި ފަރުވާ ހޯދުމަށްފަހު، ނަރެންދްރަ އޭނާގެ އަންހެނުންނާއި އެކު ވާޑާއަށް ގޮސްފައި ވަނީ އަރާމުކޮށްލުމުގެ ބޭނުމުގައެވެ.

ކުޅަދާނަ މި ފިލްމީ ތަރި ވަނީ މީގެ ކުރިން ސެންޓްރަލް ބޯޑް އޮފް ސާރޓިފިކޭޝަންގެ ސީއީއޯގެ މަޤާމުވެސް އަދާކޮށްފައެވެ.

'އޭކް ގަރު ބަނާއޫންގާ'، 'ސުޕަކޮޕްސް ވާސެސް ސުޕަވިލެންސް' ފަދަ ޓީވީ ސީރިއަލް ތަކުގައިވެސް އޭނާ ވަނީ މަސައްކަތްކޮށް އާންމުންގެ ތަރުޙިބު ހޯދާފައެވެ.

އެންމެ ފުރަތަމަ ނަރެންދްރަ އާންމުންގެ ތެރެއަށް ފެނިފައިވަނީ މޮޑެލިންގެ ދާއިރާއިންނެވެ. ނަމަވެސް ފަހުން ފިލްމީ ދާއިރާގައި ފުންނާބު އުސް ތަރިއަކަށް ވެގެން ދިޔައެވެ. މިގޮތުން އޭނާ ކުޅިފައިވާ ބައެއް ފިލްމު ތަކުގެ ތެރޭގައި، 'ހަމާރީ އަދުނީ ކަހާނީ'، 'ފޯސް 2'، 'ކާބިލް' ފަދަ ފިލްމުތައް ވެސް ހިމެނެއެވެ.

ނަރެންދްރަ ގެ މި ހިތާމަ ވެރި ވަކިވެދިޔުމާއިއެކު، ބޮލީވުޑަށް އަނެއްކާވެސް މި ލިބުނީ ފުން ހިތާމައެކެވެ. މި ދިޔަ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު މައްޝޫރު ފިލްމީތަރި ސްރީ ދޭވީ ވެސް ވަނީ ބޮލީވުޑާ ވަކިވެ ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއިސްލާހު

    މިހާރަކަށްއައިސް ލިއުންތަކުގާ ކުށް ވަރަށްގިނަ ކަން ފާހަގަ ކުރެވޭ.