ރާއްޖޭގެ ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރ ފާތިމަތު ނަހުލާގެ ކާމިޔާބު ތިން ފިލްމެއް މި މަސް ތެރޭގައި އޮލިމްޕަހުގައި އަޅުވާނެކަމުގެ އުފާވެރި ހަބަރު އޭނާ ދީފިއެވެ.

ފިލްމް ޔޫސުފް، ބޮސް އަދި 4426 އަޅުވާނެ މި މަސް ތެރޭގައި އޮލިމްޕަހުގައި އަޅުވާނެ ކަމުގެ އުފާވެރި ހަބަރު ނަހުލާ ދިންއިރު، މި ތިން ފިލްމަކީވެސް އޭނާގެ އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި ހިމެނޭ ފިލްމްތަކެވެ.

ނަހުލާ ބުނީ، މިއަދުން ފެށިގެން މި ތިން ފިލްމްގެ ޓިކެޓްވެސް އޮލިޕްމަހުން ލިބޭނެ ކަމަށެވެ. އަދި މިހާރުން ފެށިގެން ޓިކެޓް ގަންނަން ލިބޭނެ ކަމަށާއި، ބޮސް އަދި4426ގެ ޓިކެޓް 100 ރުފިޔާއަށް ވިއްކާއިރު، ޔޫސުފްގެ ޓިކެޓް 50 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާކަމަށް ނަހުލާ ބުންޏެވެ.

4426ގެ ޕޯސްޓަރެއް

ފިލްމް 4426 އަޅުވަނީ ޑިސެމްބަރު ހަތް ވަނަ ދުވަހުގެ ރޭގައެެވެ. އަދި ބޮސް އަށް ވަނަ ދުވަހުގެ ރޭގަނޑު އަޅުވާއިރު، ޔޫސުފް އަޅުވަނީ ނުވަ ވަނަ ދުވަހުގެ ރޭގަނޑެވެ.

ނަހުލާގެ 4426 އަކީ އޭނާގެ ފުރަތަމަ ބިރުވެރި ފިލްމެވެ. އަބަދުވެސް އަސަރު ގަދަ ލޯބީގެ ފިލްމްތައް ގެނެސްދޭ ނަހުލާ 4426އަށް ވަރަށް ގިނަބައެއްގެ ތަރުހީބު ލިބިގެންދިޔައެވެ. އެ ފިލްމްގެ ލީޑް ރޯލުން ފެނިގެން ގޮސްފައި ވަނީ މަރިޔަމް އައްޒައެވެ.

ބޮސް ފިލްމަކީ ލޯބީގެ އަސަރުގަދަ ފިލްމެކެވެ. ނަހުލާގެ އެންމެ އަސަރުގަދަ ލޯބީގެ ފިލްމްތަކުގެ ތެރޭގައި ހިމެނޭ މި ފިލްމް ވެގެން ގޮސްފައި ވަނީ މިދިޔަ އަހަރު ނެރުނު ފިލްމްތަކުގެ ތެރެއިން އެންމެ ހިޓް އެއް ފިލްމަށެވެ. އެ ފިލްމްގެ ލީޑް ރޯލުން ފެނިގެން ގޮސްފައި ވަނީ، މަރިޔަމް އައްޒަ އާއި މުހައްމަދު ޔުނާންއެވެ.

ބޮސްގެ ޕޯސްޓަރެއް

ފިލްމް ޔޫސުފްއަކީ ނަހުލާގެ އެންމެ ހިޓް ފިލްމެވެ. އެތައް ބަޔަކު ރޮއްވާލި އެ ފިލްމުގެ ލީޑް ރޯލުން ޔޫސުފް ޝަފީއު އާއި ނިއުމާ މުހައްމަދު ފެނިގެންދާއިރު، އެ ފިލްމްވެގެން ގޮސްފައި ވަނީ އެވޯޑްތައްވެސް ލިބިފައިވާ ފިލްމަކަށެވެ.