ކުށްވެރިން ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ އައިނެއް، ޗައިނާގެ ބެއިޖިންގގެ ފުލުހުން ބޭނުންކުރަން ފަށައިފިއެވެ.

އެތައް ދުވަހެއް ވަންދެން ތަރައްޤީ ކުރުމަށްފަހު މި އައިނު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ ރައީސް ޝީ ޖިންގ ޕިންގ ގެ ރިޔާސީ ދައުރު އިތުރުކުރުމަށް ނެގި ވޯޓުގެ ދުވަސްވަރުއެވެ.

"ރޮއިޓަރސް" އިން ބުނެފައިވާ ގޮތުގައި މި އައިނަކީ ފެންނަ ފެނުމަށް ހަމަ އާދައިގެ އަވި އައިނެކެވެ. އެހެންނަމަވެސް، މި އައިނު އަޅައިން ހުންނަ ފުލުސް މީހާއަށް ހުކުމެއް ތަންފީޛު ކުރަމުންދާ ކުށްވެރިން ނުވަތަ ކޯޓު އަމުރެއްގައިވާ މީހުންނާއި، ނޫސްވެރިންނާއި ސިޔާސީ ފަރާތްތައްވެސް އެނގޭނެއެވެ.

ހަމައެހެންމެ، އައިނު އަޅައިގެން ހުންނައިރު، ޗައިނާ ސަރުކާރުން ބްލެކްލިސްޓުކޮށްފައިވާ ވެހިކަލްތަކުގެ ނަމްބަރު ބޯޑުވެސް ދެނެގަނެވޭކަމަށް ރޮއިޓަރސް އިން ބުނެފައިވެއެވެ.

މިއިން ކޮންމެ އައިނެއްވެސް ކޮންޓްރޯލް ކުރުމަށް ވަކި މޯބައިލް ޔުނިޓެއް ޤާއިމްކޮށްފައިވާއިރު، މިއިން ކޮންމެ އައިނެއްގެ އަގުވެސް ވަރަށް ބޮޑެވެ. އެގޮތުން ކޮންމެ އައިނެއްގެ އަގު 9842 ރުފިޔާއަށް އަރައެވެ.

މިއީ އަނެއްކާވެސް ޗައިނާއިން ޓެކްނޮލޮޖީގެ ރޮނގުން ކުރިއަށް އެޅި ފިޔަވަޅެއްގެ ގޮތުގައި އެތައް ބަޔަކު ސިފަކުރަމުންދެއެވެ.