މަޝްހޫރު ފިލްމް ސީރީސް "ފްރެންޑްސް"، އޮންލައިން ސްޓްރީމިން ނެޓްވޯކް ނެޓްފްލިކްސްގައި މި އަންނަ އަހަރުވެސް ސްޓްރީމް ކުރުމަށް، އެ ކުންފުނިން 100 މިލިއަން ޑޮލަރު ވާނާގެ މީޑިއާއަށް ދައްކައިފިއެވެ.

ނެޓްފްލިކްސްއާއި "ފްރެންޑްސް ސީރީސް"ގެ ކޮޕީ ރައިޓްސް އޯނާރ ކުންފުންޏާ، ދެމެދު ކުރިޔަށް ދިޔަ އެގްރީމެންޓް އާ ބެހޭ ގޮތުން "ނިއުޔޯކް ޓައިމްސް" އަށް މައުލޫމާތު ދެމުން ނެޓްފްލިކްސްގެ އިސް ފަރާތަކުން ބުނެފައިވަނީ މީގެ ކުރިން "ފްރެންޑްސް ސީރީސް" ނެޓްފްލިކްސްގައި ސްޓްރީމް ކުރަމުން އަންނަނީ އަހަރަކު 30 މިލިޔަން ޑޮލަރު ދައްކައިގެން ކަމަށެވެ. ނަމަވެސް މިއަހަރު "ފްރެންޑްސް ސީރީސް" ސްޓްރީމް ކުރުމުގެ ހުއްދަ މިއަހަރު ވާނާ މީޑިއާއިން ދީފައިވަނީ 100 މިލިޔަން ޑޮލަރު ދެއްކުމުން ކަމަށެވެ. އަދި ނެޓްފްލިކްސްއިން މިއަގުގައި ކޮންޓްރެންކްޓް ހަދާފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ.

ފްރެންޑްސް ނެޓްފްލިކްސްއިން މިއަންނަ އަހަރު ނަގަން އުޅޭ ކަމަށް ވަނީ އަޑު ފެތުރިފައެވެ. ނަމަވެސް ނެޓްފްލިކްސްއިން ވަނީ މިކަން ދޮގުކޮށް، މިއަންނަ އަހަރުވެސް ނެޓްފްލިކްސްއިން "ފްރެންޑްސް ސީރީސް" ބެލޭނެކަން ހާމަކޮށްފައެވެ.

މިއަންނަ އަހަރު ނެޓްފްލިކްސްއިން "ފްރެންޑްސް" ސީރީސް ސްޓްރީމް ކުރި ކަމުގައި ވީނަމަވެސް 2020 ވަނަ އަހަރު ފްރެންޑްސް ސީރީސް ނެޓްފްލިކްސްއިން ގެއްލޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މީގެ 24 އަހަރު ކުރިން ފެށި މަޝްހޫރު "ފްރެންޑްސް" ސީރީޒް، 1994 އަކާއި 2004އާ ދެމެދު ވަނީ 10 ސީޒަންއެއް ނެރެފައެވެ. އަދި އެއީ މިހާތަނަށް އެންމެ ގިނަ މީހުން ބެލި ސީރީޒްއެވެ. އަދި ދިވެހިންގެ ތެރޭގައިވެސް މިއީ ވަރަށް މަޤްބޫލުކަމެއް ލިބިފައިވާ ސީރީޒްއެކެވެ