ކެވިން (މެ) ފުލުހުންނާއެކު

ކެވިން ބޫތު އަކީ ފަޤީރެކެވެ. ވަންނާނެ ގެދޮރެއް ނެތް މީހެކެވެ. އެއް ދުވަހެއްގެ ހެނދުނު، ބަނޑުހައިވެފައި ހުރި ހާލުގައި އޭނާ ދިޔައީ ރެސްޓޯރަންޓެއްގެ ކައިރިއަށް ކާއެއްޗެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. ކޮންމެ ދުވަހަކުވެސް، އެރެސްޓޯރަންޓުން، އޭނާއަށް ކާއެއްޗެހި ބަހައްޓައެވެ.

ކޮންމެ ދުވަހެއްގެ ހެނދުނުވެސް ރެސްޓޯރަންޓުގެ ބޭރުގައި އޭނާއަށް ބަހައްޓާފައި ހުންނަނީ ޕާން ފޮއްޓެކެވެ. އެހެންނަމަވެސް، އެދުވަހު އެތަނުގައި ހުރީ ފޮއްޓެއް ނޫނެވެ. އޭގެ ބަދަލުގައި ހުރީ ކޮތަޅެކެވެ. މި ކޮތަޅަކީ ކާއެއްޗެހި އަޅާފައި ހުރި އެއްޗަކަށް ވެދާނެކަމަށް ހީކޮށް އޭނާވަނީ ގޮސް އެތެރެ ބަލާފައެވެ.

އެހެންނަމަވެސް، ކޮތަޅު ހުޅުވުމަށް ފަހު އެތެރެ ބަލާލިއިރު އޭގެ ތެރޭގައި ހުރި ފައިސާއެވެ. މަދެއްކޮށެއްވެސް ނޫނެވެ. މި ކޮތަޅުގެ ތެރޭގައި އޮތީ 17،000 ޑޮލަރެވެ.

ކެވިން ބުނި ގޮތުގައި އެއީ އަސްލު އެއްޗެއްތޯ ބަލަން އޭނާ އޭގެ ވަސްވެސް ބެލިއެވެ. އަދި، އެކަމުން އެއީ އަސްލު އެއްޗެއްކަން އެނގިގެން ދިޔަކަމަށްވެސް ބުންޏެވެ.

ރެސްޓޯރަންޓް ހުޅުވަންދެން، އޭނާ އެތަނުގައި އެކޮތަޅު ހިފައިގެން ހުއްޓެވެ. ހެނދުނު ރެސްޓޯރަންޓް ހުޅުވުމުން އޭނާވަނީ މި ފައިސާ ކޮތަޅު، ރެސްޓޯރަންޓަށް ހަވާލުކޮށްފައެވެ. ރެސްޓޯރަންޓުން މި މައްސަލަވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ފުލުހުންވަނީ އެއްވެސް މީހަކު ފައިސާ ގެއްލިގެން އުޅޭތޯ ނުވަތަ ފައިސާތަކެއް ވަގަށް ނަގާފައިވޭތޯ ބަލާފައެވެ. އެހެންނަމަވެސް، އެފަދަ އެއްވެސް ކަމެއް ކުރިމަތިވެފައި ނުވެއެވެ. އަދި، މި ފައިސާތައް ހޯދުމަށް އެއްވެސް މީހަކު ފުލުހަށް ގޮސްފައިވެސް ނުވެއެވެ.

އެންމެފަހުން، ފުލުހުން ނިންމާފައިވަނީ މި 17،000 ޑޮލަރު، ގެދޮރު ނެތް ކެވިން އަށް ހަދިޔާކުރުމަށެވެ. ކެވިން އަށް މި ފައިސާތައް ހަދިޔާކޮށްފައިވަނީ އޭނާގެ ތެދުވެރިކަމަށްޓަކައި ދިން އިނާމެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާތްﷲ އީ އެކަލާންގެ އިރާދަކުރެއްވި ފަރާތަކަށް އޭނާ ހީވެސްކޮށްފައި ނެތްގޮތްގޮތުން ރިޒުޤު ދެއްވާ ރަސްކަލާންގެއެވެ. ދުނިޔެއިން ލިބިދޭ މިފަދަ ނިޢުމަތްތަކުގައި މުއުމިނެއް ކާފިރެއް ތަފާތެއް ނުކުރައްވަތެވެ.

  2. ﷲގެ އޯގާވަންތަކަމާ އެކަލާންގެ އަޅުތަކުން އެނގުމަކާނުލާވެސް ތެދުވެރިވުމުގެ ހެޔޮނަތީޖާ..... ޣައިރުދީނުގެ މިޙުންނެއްކަމަކު އެމީހުންވެސް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއި އެކުކަމެއްކޮށްފިނަމަ އޭގެބަދަލު ،އެކަލާންގެ ދެއްވާނެ.