މީސްމީޑިޔާގެ އެކި މަންސަ (ޕްލެޓްފޯމް) ތަކުގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއް މަންސަކަމުގައިވާ އިންސްޓަގްރަމްގައި އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ލީޑަރަކީ އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އަށް ވެގެން ހިނގައްޖެއެވެ.

ޕަބްލިކް ރިލޭޝަންސް އަދި ކޮމިއުނިކޭޝަންގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބައިނަލްއަޤުވާމީ ކުންފުންޏެއްކަމުގައިވާ ބާސަން-މާސްޓެލާ އިން ހަދާފައިވާ 2018 ވަނަ އަހަރުގެ ޓްވިޕްލޮމަސީ ސްޓަޑީ އިން މިކަން ހާމަވަގެން ދިޔައިރު ލިސްޓުގެ ދެވަނަ ލިބިފައިވަނީ އިންޑޮނީޝިޔާގެ ރައީސަ ޖޯކޯ ވިޑޯޑޯ އަށެވެ.

މޯދީ އަށް މި ޝަރަފު ލިބިފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ލިބިފައިވަނީ ލިސްޓުގެ ތިންވަނައެވެ.

އިންސްޓަގްރަމް ގައި މޯދީގެ ފޮލޯވަރުންގެ އަދަދު 15.5 މިލިއަނަށް އަރާއިރު އޭނާ އެއްވެސް މީހަކު ފޮލޯއެއް ނުކުރެއެވެ. 14 މިލިއަން މީހުން ވިޑޯޑޯ ފޮލޯ ކުރާއިރު ޓްރަމްޕްގެ ފޮލޯވަރުންގެ އަދަދު 10.9 އަށް އަރައެވެ.

މީގެއިތުރުން، އިންސްޓަގްރަމްގައި އުޅޭ ދުނިޔޭގެ ލީޑަރުންގެ ތެރެއިން، އެންމެ ގިނަ ލައިކް ކޮށްފައިވާ ދެ ފޮޓޯ އަކީވެސް މޯދީގެ ރަސްމީ އެކައުންޓުން ޕޯސްޓު ކޮށްފައިވާ ފޮޓޯ ތަކެކެވެ. އެއީ، އަނުޝްކާ ޝަރުމާއާއި ވިރާޓް ކޯލީ އާއެކު މޯދީ ނަންނަގަވާފައިވާ ފޮޓޯ އަކާއި ވޯލްޑް އިކޮނޮމިކް ފޯރަމްގެ ތެރެއިން މޯދީ ނަންގަވާފައިވާ ފޮޓޯއެކެވެ.

މީސްމީޑިޔާގައި ލީޑަރުންގެ ބާރު އޮންނަ މިންވަރަކީވެސް، އެމީހުންގެ މަޤުބޫލުކަން އަންގައިދޭ ވަރަށް މުޙިއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބޫ ޖަހުލު ފަހަތުގަ ތިބި މިހުންވެސް މަދެއްނޫން