ދުނިޔޭގެ އެތަން މިތަނުގައި ވަރަށް ތަފާތު ވަޒީފާތައް ލިބެން އެބަ ހުއްޓެވެ. ކޮންމެ ދުވަހަކުވެސް ތަފާތު ކަންކަމާ ކުރިމަތިލާން ޖެހޭ، މަސައްކަތުގެ ބަދަލުގައި ބޮޑެތި މުސާރަތައް ލިބޭ ވަޒީފާތައް އެބަ ހުއްޓެވެ. އެގޮތުން މިއީވެސް އެފަދަ، ބޮޑު މުސާރައެއް ލިބޭ ވަޒީފާއެކެވެ.

އިނގިރޭސިވިލާތުގެ މުއްސަނދި އާއިލާއަކުން ދަނީ، އެއާއިލާގެ ފޮޓޯގްރާފަރެއްގެ ގޮތުގައި ކުރިއަށް އޮތް އެއް އަހަރު ދުވަހު މަސައްކަތް ކުރާނެ މީހެއް ހޯދަމުންނެވެ.

ފޮޓޯގްރާފަރުން ހޯދަން އިޢުލާން ކުރާ ވެބްސައިޓެއްގައި ބުނެފައިވާ ގޮތުން މި މަޤާމަށް ހޮވޭ މީހެއްގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވެގެންދާނީ، މި އާއިލާގެ މެންބަރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރާ ދަތުރުތަކުގެ ފޮޓޯތައް ނެގުމެވެ. އެހެންކަމުން، މިއީ ދުނިޔޭގެ އެތަން މިތަނަށް ދަތުރުކޮށްލަންވެސް ލިބޭ ރަނގަޅު ފުރުޞަތެކެވެ.

ޔޫރަޕާއި، ދެ އެމެރިކާއާއި އޮސްޓްރޭލިޔާގެ ރީތި ތަންތަނަށް މި އާއިލާއިން ދަތުރުކުރަން ނިންމާފައިވާއިރު، މި ވަޒީފާއަށް ހޮވޭ މީހެއްގެ މުސާރައަކީ ކިހާވަރެއްކަން އެނގޭ ހެއްޔެވެ؟ ހިލޭ ތަންތަނަށް ދިއުމުގެ ފުރުޞަތާއެކު މުސާރައިގެ ގޮތުގައި 80،000 ޔޫރޯ ނުވަތަ 91122 އެމެރިކާ ޑޮލަރު ލިބޭނެއެވެ.

މި އާއިލާއިން ކަނޑައަޅާފައިވާ ގޮތުގައި މި ވަޒީފާ އަށް ހޮވޭ މީހަކީ ފޮޓޯގްރަފީގެ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެއެވެ. ވަޒީފާ އަށް ހޮވުމުގެ ކުރިން އިންޓަވިއު ކުރަން ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް، މިއީ ކޮން އާއިލާއެއްކަން އަދި ހާމަކޮށްފައި ނުވެއެވެ. މިކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ މީހުންނަށް ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތި ބުނާ ފޮޓޮގްރާފަރަކަށްވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މުސާރަޔާއި ޤާޟީންގެ މުސާރަޔާއި ރިޝްވަތުގެ ބައިތައް އެގިއްޖިއްޔާ ވަޒީފާދޫކޮށްލާފައި ރާއްޖެއަށް އަންނާނެ!