އެމެރިކާގެ މިޝިގަންއަށް ނިސްބަތްވާ އަންހެނަކަށް ހާޓްއެޓޭކެއް ޖެހުމުން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު އޭނާގެ ހާލު ރަނގަޅު ވާނެ ކަމުގެ އުއްމީދު ނެތުމުން ވެންޓިލޭޓަރު ނައްޓާލިތަނުން އަމިއްލަ އަށް ނޭވާ ލާން ފަށާ، އެންމެ ފަހުން ހާލަތު ރަނގަޅު ވެއްޖެއެވެ.

އުމުރުން 57 އަހަރުގެ މިޝޭލް ޑީ ލީވް އަށް ހާޓްއެޓޭކެއް ޖެހުނީ މިދިޔަ އޮގަސްޓް މަހުއެވެ. ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިއެވެ. ނަމަވެސް ފުރަތަމަ ވެސް ޑޮކްޓަރުން ބުނީ މިޝޭލްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ.

ހަ ދުވަސް ވަންދެން ވެންޓިލޭޓަރުގައި ފަރުވާ ދިން ފަހުން ޑޮކްޓަރުން ބުނީ މިޝޭލްގެ ސިކުނޑީގައި މަރުނުވެ އިނީ އެންމެ ފަސް އިންސައްތަ ކަމަށެވެ. އަދި ހިތުގެ 75 އިންސައްތަ ހިނގުން ހުއްޓިފައިވާ ކަމަށް ވެސް ބުންޏެވެ.

"ޑޮކްޓަރުން އަހަރެންގެ ބައްޕަ ކައިރީގައި ބުނި މަންމަ ދެން ދުނިޔޭގައި ނޯންނާނެ ކަމަށް." މިޝޭލްގެ ދަރިފުޅު ކާލީ މީޑިއާ އަށް ބުންޏެވެ.

މިޝޭލްގެ ހާލަތު ރަނގަޅު ވާނެ ކަމުގެ އުއްމީދު ނެތުމުން ޑޮކްޓަރުން އާއިލާގެ ކިބައިން އެދުނީ މިޝޭލްގެ ލައިފް ސަޕޯޓް ނައްޓާލުމުގެ ހުއްދައަށެވެ. ލައިފް ސަޕޯޓް ނައްޓާލާތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މިޝޭލް މަރުވާނެ ކަމަށް ޑޮކްޓަރުން ބުންޏެވެ. ނަމަވެސް އެހެން ގޮތެއް ނެތުމުން ޑޮކްޓަރުންގެ އެދުމުގެ މަތިން އާއިލާ އިން ވެސް އެއްބަސްވީ މިޝޭލްގެ ލައިފް ސަޕޯޓް ނައްޓާލާށެވެ.

ލައިފް ސަޕޯޓް ނައްޓާލިތާ އިރުކޮޅެއް ފަހުން މިޝޭލްގެ މަރުގެ ޚަބަރު ޑޮކްޓަރުން ދޭނެ ކަމަށް އާއިލާ އިން ހީކޮށްގެން ތިބި ނަމަވެސް އިރުކޮޅެއް ފަހުން ޑޮކްޓަރުން ބުނީ މިޝޭލް އަމިއްލައަށް ނޭވާ ލަމުންދާ ކަމަށެވެ.

ހާޓް އެޓޭކް ޖެހުނުތާ ހަތަރު މަސް ފަހުން މިހާރު މިޝޭލްގެ އޯޕެން ހާޓް ސާޖަރީއެއް ވެސް ވަނީ ހަދާފައެވެ. އޭނާގެ ހާލަތު ރަނގަޅުވެ، މިހަފްތާގައި ވަނީ ގެއަށް ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ??

    ޢިންޝާﷲ

  2. Anonymous

    މާޝާﷲ ހުރި އުފަލެއްގެ ބޮޑުކަމާއެވެ.!! ﷲގެ ކުޅަދުނަވެރިކަމާއި ރަޙުމަތުގެ ކޮޅެއްނެތްކަން މިފަދަ ގަބޫލުކުރުން ދަތި ކަންތަކުންވެސް އިބުރަތަކަށް ނުވޭތޯ!!!.

  3. މޯދީ

    ﷲ އީ އެންމެ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެ. މަރުވާނެ ވަގުތެއް އެއްވެސް މީހަކަށް އެނގިނެނެއް ނުވޭ.

  4. ނުރަބޯ

    ސުބްޙާނަﷲ.

  5. Miadhu

    ތިމީހާ ތިކަމަށް ޝުކުރުކުރާހާާލު ޢާއިލާއިއެކު އިސްލާމްވެއްޖެނަމަ ހާދަ އުފާވެރިޔެ

    • ކިޔާ

      އަސްލުވެސް.

  6. ކޮސް

    މިވަރަށް މާޝާﷲ ކިޔަނީ މުސްލިމު މީހެއްތަ އަނެއްކާ؟

  7. ...

    ސުބުހާނަﷲ.. އަލްހަމްދުލިއްލާހް