ސައިންސާއި ޓެކްނޮލޮޖީގެ ރޮގުން ދުނިޔެ މިދަނީ އެތަކެއް ކާމިޔާބީއެއް ހޯދަމުންނެވެ. އިންސާނުންގެ އަމިއްލަ އަތުން ކޮށްފައިވާ މަސައްކަތުން މިއަދު މިވަނީ އިންސާނުންގެ ދިރިއުޅުން އެތައް ގުނައެއް ފަސޭހަވެފައެވެ. ދުރު ކައިރި ކޮށްދީ ގޭގައި އޮވެގެން ފަސޭހަކަމާއި އެކު އެތަކެއް ހިދުމަތެއް ލިބޭނެ އިންތިޒާމު އަދު މިވަނީ ހަމަޖެހިފައެވެ. ޓެކްނޮލޮޖީއާއި ސައިންސް އިންސާނާގެ އަރުތެރޭގައި ބާރަށް ވަކި ހިއްޕާލައިފައިވާއިރު ކާތަކެތި ޑެލިވާކުރާ ތަންތަންވެސް އަދު މިވަނީ ޓްކްނޮލޮޖީގެ ހިޔަނީގެ ހިޔާވަހިކަމުގައެވެ.

އެގޮތުން ދުނިޔެއިން ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގައި ކާތަކެތި ޑެލިވަރީ ކޮށްދޭ އެންމެ ބޮޑު ދެކުންފުނި ކަމަށްވާ "ޒޮމާޓޯ" އަދި "ސްވިގީ"އިން މިވަނީ ކައިރި މުސްތަގުބަލެއްގައިި ކާތަކެތި ޑެލިވަރީ ކުރުމަށް އުދުހޭ ޑްރޯން ބޭނުންކުރާނެ ކަމުގެ ފޮނި ހަބަރު ދީފައެވެ.

އަދި އެކަމުގެ ސަބަބުން ކާތަކެތި އިންޑިއާގެ ސަރަހައްދުތަކަށް ޑެލިވަރީ ކުރުމުގައި އެތަކެއް ގުނައެއް ފަސޭހަވެގެންދާނެ ކަމަށާއި އަދި އަވަސް ޑެލިވަރީގެ ހިދުމަތެއް ކަސްޓަމަރުންނަށް ދެވޭނެ ކަމަށް އެ ދެ ކުންފުނިން ބުނެއެވެ.

އެ ދެކުންފުނީގެ އިސްވެރިންނާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އަލަށް ތައާރަފްކުރާ ޑެލިވަރީ ޑްރޯންތަކުގައި ފަސް ކިލޯގެ ކާތަކެތި އުފުލޭނެއެވެ. އަދި އިންޑިއާއިން އާންމު ބޭނުންތަކަށް ޑްރޯން ބޭނުން ކުރުން ހުއްދަ ކޮށްފައިވުމުން ކައިރި މުސްތަގުބަލެއްގައި ޑްރޯންގެ އެހީގައި ކަސްޓަމަރުންނަށް އެމީހުންގެ އުންމީދުތަކަށް ވާސިލް ވެވޭނެ ކަމަށް"ޒޮމާޓޯ" އަދި "ސްވިގީ"ގެ ވެރިން ބުނެފައިވެއެވެ.

އިންޑިއާގައި ޑްރޯންގެ އެހީގައި ކާބޯތަކެތި ޑެލިވަރީ ކުރަން ނިންމާފައިވާއިރު ތަރައްޤީވަމުން އަންނަ އަދި ތަރައްޤީވެފައިވާ ގިނަ ގައުމުތަކުގައި ތަފާތު އެތަކެއް ބޭނުންތަކަށް ޑްރޯން އަންނަނީ ބޭނުންކުރަމުންނެވެ.