ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިފައިވާ ފޯނު ވިއްކާ ޗައިނާ ކުންފުނި, ވާވޭގެ އެކްޒެކެޓިވް މެންބަރެއް ކަމަށްވާ މެންގް ވަންޒޫ ހައްޔަރުކޮށްފިއެވެ.

ވާވޭގެ ބާނީގެ އަންހެން ދަރިފުޅު ވެންޒޫ އެއާޕޯޓުން ހައްޔަރު ކުރީ މި މަހު 1 ވަނަ ދުވަހު އެވެ.

ޗައިނާ އިން ވަނީ ވަންޒޫ ހައްޔަރުކުރުމުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް އޭނާ ދޫކޮށްލުމަށް ގޮވާލައިފަ އެވެ. އަދި އެއްވެސް ސަބަބެއް ނެތި މީހަކު ހައްޔަރުކޮށްފައި ބެހެއްޓުމަކީ އިންސާނިއްޔަތާ ޚިލާފު އަމަލެއް ކަމަށްވެސް ޗައިނާއިން ބުނެފައިވެއެވެ.

ވަންޒޫ ހައްޔަރުކޮށްފައިވަނީ ކޮން ކުށެއްގެ ސަބަބުން ކަމެއް ހާމަކޮށްފައިނުވާއިރު އޭނާ ހައްޔަރުކޮށްފައިވަނީ އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ގުޅުމުގައި ނުތަނަވަސްކަން އުފެދިފައިވާ ދުވަސްވަރެއްގަ އެވެ. ނަމަވެސް ވަންޒޫ ހައްޔަރުކުރުމުގައި ސިޔާސީ ބޭނުމެއް ނެތް ކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ވަންޒޫ ހައްޔަރުކޮށްފައިވާއިރު އެމެރިކާ އިން ދަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ވާވޭ އިން ޚިލާފުވި މައްސަލައެއް ބަލަމުންނެވެ. އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގައި ވާވޭ ބްރޭންޑްގެ ފޯނު ވިއްކުންވެސް ވަނީ މަނާކޮށްފައެވެ.