ނުރައްކާތެރި ބައްޔެއްކަމުގައިވާ ކެންސަރަށް އަދިވެސް ފަރުވާއެއް ހޯދިފައި ނުވެއެވެ. މި ބައްޔަށް ދާއިމީ ފަރުވާއެއް ހޯދުމަށް ސައިންސްވެރިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު މި ބަލި ދެނެގަތުމަށްވެސް ފަސޭހަ ގޮތްތަކެއް ހޯދުމަށް ދަނީ އެފަރާތްތަކުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

އޮސްޓްރޭލިޔާގައި ހުންނަ ޔުނިވަރސިޓީ އޮފް ކުއީންސްލަންޑްގެ ސައިންސްވެރިން ބުނެފައިވާ ގޮތުގައި، އެންމެ 10 މިނެޓު ތެރޭގައި ނަތީޖާ ލިބޭނެފަދަ، ކެންސަރު ދެނެގަންނަ ޓެސްޓެއް ހެދުމާ އެމީހުން ވަނީ ވަރަށް ގާތަށް ޖެހިލާފައެވެ.

މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ސައިންސްވެރިޔާ ކަމުގައިވާ ޑރ. ލައުރާ ކަރަސްކޮސާ ބުނެފައިވާ ގޮތުން، މިއީ ވަރަށް ފަސޭހަކަމާއެކު ހަދާލެވޭނެ ޓެސްޓެކެވެ. އެހެންކަމުން، މި ޓެސްޓު ވެގެންދާނީ ވަރަށް އަގު ހެޔޮ ޓެސްޓަކަށްކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މީގެއިތުރުންވެސް، މި މަސައްކަތުގައި ހަރަކާތްތެރިވާ ސައިންސްވެރިން ބުނެފައިވާ ގޮތުން، މި ޓެސްޓުގެ ޒަރީއާއިން ހަށިގަނޑުގެ ކޮންމެ ހިސާބެއްގެ، ކޮންމެ ގުނަވަނެއްގައިވިޔަސް ކެންސަރު ޖައްސާ މެލިގްނަންޓް ސެލް ހުރިކަމުގައިވާނަމަ އެކަން ދެނެގަންނާނެއެވެ.

ހަށިގަނޑުން ނަގާ ލޭގެ ސާމްޕަލް އަކަށް އަންނަ ކުލަ ބަދަލުވުމަކަށް ބަލައިގެން، ހަށިގަނޑުގައި ކެންސަރުގެ އަސަރު ހުރިތޯ ނުވަތަ ނެތްތޯ ބަލާއިރު، އަދިވެސް މި ޓެސްޓު އެއްކޮށް ހޮސްޕިޓަލްތަކުގައި ނުވަތަ ރަސްމީކޮށް ބޭނުން ކުރެވޭ މިންވަރެއް ނުވެއެވެ.

މި ޓެސްޓު ކާމިޔާބު ވެއްޖެނަމަ އެކަން ވެގެންދާނީ އަވަހަށް ބައްޔަށް ފަރުވާކޮށް، އެކަމުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅަކަށެވެ.