ހޮލީވުޑްގެ އެންމެ މަގްބޫލު ފިލްމުތައްކަމަށްވާ އެވެންޖާސްގެ އެންމެ ފަހުގެ ފިލްމު، "އެވެންޖާސް: އެންޑް ގޭމް" ގެ ޓްރެއިލާ ގިނަ ބަޔަކަށް ކަމުގޮސްފިއެވެ.

ޖޯއީ ރުސޯ އަދި އެންތަނީ ރޯސޯ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޓްރެއިލާ އާންމުންނަށް ދޫކޮށްލާފައިވަނީ އިއްޔެއެވެ.

އަންނަ އަހަރުގެ މެއި މަހުގެ ތިންވަނަ ދުވަހު ރިލީސް ކުރިމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ޓްރެއިލާ އާންމުންނަށް ދޫކޮށްލުމުން އެތަށް މިލިއަން ބަޔަކު އެ ޓްރެއިލާ ބަލާފައިވެއެވެ. މިހާތަނަށް 34 މިލިއަން ވިއުސް އާއެކު ޔޫޓިއުބް ޓްރެންޑިންގ އެއްވަނައިގައި އޮތީވެސް އެ ޓްރެއިލަރ ވީޑިއޯއެވެ.

ތިން މިނެޓެއްހާއިރުގެ ޓްރެއިލާއިން ފިލްމުގެ ޝައުގުވެރި މަންޒަރުތަކެއް ފެނިގެންދެއެވެ. މި ފިލްމަކީ ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލު ފިލްމެކެވެ.

މާވެލް ސްޓޫޑިއޯ އާއި ވޯލްޓް ޑިޒްނީ މޯޝަން ޕިކްޗާސް ގުޅިގެން ގެނެސްދޭ އެ ފިލްމަކީ އެމެރިކަން ސުޕަހީރޯ ފިލްމެކެވެ. މި ފިލްމަކީ 2015 ވަނަ އަހަރު ނުކުތް "އެވެންޖާސް އޭޖް އޮފް އަލްޓްރަން"ގެ ސީކުއަލް އެކެވެ.

"އެވެންޖާސް :އެންޑް ގޭމް" ގެ ޓްރެއިލާ އާންމުކޮށްފައިވާއިރު "އެވެންޖާސް: އިންފިނިޓީ ވާ" ވަނީ މިއަހަރުތެރޭ އަޅުވާފައެވެ. އެ ފިލްމަކީ ހޮލީވުޑްގެ ފިލްމެއްގެ ފުރަތަމަ ދުވަހުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުވެސް މެއެވެ. ތަޖުރުބާކާރިުން ބުނާ ގޮތުގައި "އެވެންޖާސް:އެންޑް ގޭމް" އަށް އެވެންޖާސްގެ އެންމެ ފަހުގެ ފިލްމު "އިންފިނިޓީ ވާގެ" ރެކޯޑު މުގުރާލެވޭނެއެވެ.