އިންޑިޔާގެ އެންމެ މަޝްހޫރު ކުޑަކުއްޖާ، ތައިމޫރު އަލީ ޚާންގެ އުފަންދުވަހަކީ މި މަހުގެ 20 ވަނަ ދުވަހެވެ. އެދުވަސް އަންނަން އަދި ދުވަސްކޮޅެއް އެބަ އޮތެވެ. އެހެންނަމަވެސް، ތައިމޫރުގެ އުފަންދުވަހުގެ ހަރަކާތްތައް މިހާރުވަނީ ފެށިގެން ގޮސްފައެވެ. ބޮޑެތި ތަރިންގެ ކައިވެނިވެސް ނުފަށާހާ ކުރިން، މި ކުއްޖާގެ ދެވަނަ އުފަން ދުވަހުގެ އުފާ ފާޅުކުރުންތައް މި ވަނީ ފަށާފައެވެ.

ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ކަރީނާ އާއި ސައިފު އިއްޔެވަނީ ތައިމޫރުގެ އުފަންދުވަހުގެ ޕާޓީއެއް ބާއްވާފައެވެ. އެންމެ ވަރުގަދަކޮށް ބޭއްވި މި ޕާޓީގެ ބައެއް ފޮޓޯތައްވެސް އާއްމުވެފައިވެއެވެ.

ގިނަ އަދަދެއްގެ ކޭކުތަކާއި، ގިނަ އަދަދެއްގެ ހަދިޔާތަކާއެކު މި ޕާޓީ ކުރިއަށް ގެންގޮސްފައިވާއިރު، ޕާޓީގައި ބައިވެރިވެފައިވަނީ ދެ ފަރާތުގެވެސް އާއިލާގެ މެންބަރުންނެވެ. އޭގެތެރޭގައި، ކަރީނާގެ ދައްތަ އަދި ކުރިން ވަރަށް މަޝްހޫރު ފިލްމީ ތަރިއެއްކަމުގައިވާ ކަރިޝްމާ ކަޕޫރުވެސް ހިމެނެއެވެ.

ތައިމޫރަށް ޕްރީ-ބާތުޑޭ ޕާޓީ އެއް ބާއްވާފައިވާއިރު، އޭނާގެ އުފަންދުވަހު ވަރަށް ބޮޑުކޮށް އޭނާގެ މައިންބަފައިން ޕާޓީ އެއް ބާއްވާނެކަމަށް ބެލެވެއެވެ.

ކަރީނާ އާއި ސައިފުގެ ދަރިފުޅަކީ ކުރިންސުރެވެސް މީޑިޔާ އާއި އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބެމުންދާ ކުއްޖެކެވެ. މިކަމުގެ ސަބަބުން ޕަޕަރާޒީންގެ އުނދަގުލާވެސް ކޮންމެވެސް ވަރަށް ކުރިމަތިލާން ޖެހިފައިވެއެވެ.