ދިވެހިރާއްޖެ ވެސް ހިމެނޭ ގޮތައް މުޅި ދުނިޔެ ބަލާލަން މުއްސަނދި އާއިލާ އަކުން ކުރާ ޗުއްޓީ ދަތުރުތަކުގެ ފޮޓޯ ނަގާނެ ފޮޓޯގްރާފަރެއް ހޯދަން ބޮޑު މުސާރައަކާއި އަދި އެހެނިގެން ގިނަ އިނާޔަތްތައް ވެސް ލިބޭ ގޮތައް ކޮށްފައިވާ އިއުލާނަކަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެވެ.
"ޕާފޯކަލް" ގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިފޮޓޯގްރާފަރުގެ މުސާރަ އަކީ އަހަރަކު 80000 ޕައުންޑެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ފަނަރަ ލައްކަ ރުފިޔާ އަށް ވުރެ ގިނަ ފައިސާ އެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުގައި މުސާރައިގެ އިތުރުން ދަތުރުގެ ހުރިހާ ޚަރަދަކާއި ދަތުރު ކުރާ ގައުމެއްގައި ހުރުމުގެ ހުރިހާ ޚަރަދަކާއި، ކެއިން ބުއިމުގެ ޚުރިހާ ޚަރަދެއް ވެސް ކުރާނީ ވަޒީފާ ދޭ އާއިލާ އިންނެވެ. އެއް އަހަރު ދުވަހުގެ މުއްދަތައް ހަމަޖައްސާ މިވަޒީފާގައި 30 ދުވަހުގެ އަހަރީ ޗުއްޓީ އެއްވެސް ލިބޭނެއެވެ. ވަޒީފާގެ މަސައްކަތް ފަށާނީ އަންނަ ފެބްރުއަރީ މަހުއެވެ.
ފޮޓޯގްރާފަރު ކޮންމެ ދުވަހަކު 10 ގަޑިއިރު މަސައްކަތް ކުރަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. ވަޒީފާ އަށް ކުރިމަތިލާ މީހަކު ވާން ޖެހޭނީ ވަރަށް ކުރު ނޯޓިހެއްގައި ވެސް ގައުމު ދޫކޮށް ފުރޭނެ ގޮތައް ތައްޔާރުވެގެން ހުރި މީހަކަށް ކަމަށް އިއުލާނުގައި ވެއެވެ.
"ތިން މަސް ދުވަހު ގައުމުން ބޭރުގައި އުޅެން ޖެހިދާނެއެވެ. ޔޫރަޕާއި، އެމެރިކާ، ދެކުނު އެމެރިކާ އަދި އޮސްޓްރޭލިއާ ވެސް ދަތުރު ކުރަން ޖެހޭނެއެވެ." އިއުލާނުގައި ވެއެވެ.
އިތުރަށް ބުނެފައި ވަނީ މޮނާކޯ އާއި އަބޫދާބީގައި ކުރިއަށްދާ ފޯމިއުލާ ވަންގެ ރޭސްތަކާއި ދިވެހިރާއްޖޭގެ ކަނޑުގެ އަޑި ބަލާލަން ކުރާ ޑައިވިންތަކުގައި ވެސް ފޮޓޯގްރާފަރު ބައިވެރިވާން ޖެހޭނެ ކަމަށެވެ.
ވަޒީފާ އަށް ކުރިމަތިލެވޭނީ މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހަކަށެވެ.
އިންޓަވިއުގައި އެމީހަކީ އެންމެ ގާބިލް މީހާކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.
މިލިންކަށް ކްލިކް ކޮށްލުމުން ވަޒީފާ އަށް ކުރިމަތިލުމަށް ފުރަން ޖެހޭ ފޯމް ލިބިވަޑައިގަންނަވާނެ
މަދާނަން މަގެންދާތި