ފިރިހެނެއްގެ ހުއްދަ ނެތި، އޭނާގެ ބޭންކު އެކައުންޓުގެ ބައެއް ސިއްރު މައުލޫމާތުތައް އޭނާގެ އަންހެނުންނަށް ދިނުމުން ބޭންކެއް ޖޫރިމަނާ ކޮށްފިއެވެ. މި މައްސަލައިގައި ޖޫރިމަނާ ކޮށްފައިވަނީ އިންޑިޔާގައި ހިންގަމުން އަންނަ އިންޑިއަން އޯވަސީސް ބޭންކް (އައިއޯބީ) އެވެ.

އެޤައުމުގެ އަހުމަދުއާބާދުގައި ހުންނަ ކޮންޒިއުމަރުންގެ ކޯޓަކުން މި ބޭންކު ޖޫރިމަނާ ކޮށްފައިވަނީ މި ފިރިހެން މީހާ، މި މައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ.

ދިނޭޝް ޕަމްނާނީ ނަމަކަށް ކިޔާ މި ފިރިހެން މީހާ ބުނެފައިވާ ގޮތުގައި ބޭންކުން އޭނާގެ އަންހެނުންނަށް އޭނާގެ ހުއްދަ ނެތި އެކައުންޓުގެ މައުލޫމާތުތަކާއި ފާއިތުވި މަސްތަކެއްގެ ބޭންކު ސްޓޭޓްމަންޓުތައް ދީފައިވަނީ އެމީހުންގެ ކައިވެނީގެ މައްސަލައެއް އާއިލީ ކޯޓުގައި ހިނގަމުން ދަނިކޮށެވެ. އަދި، އެކަމުގެ ސަބަބުން މި މައުލޫމާތުތައް އަންހެން މީހާ ކޯޓުގައި ފިރިހެން މީހާއާ ދެކޮޅަށް ބޭނުންކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ޕަމްނާނީ ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވާ ގޮތުން އެންމެ ފުރަތަމަ އޭނާގެ ފޯނަށް އައިސްފައިވަނީ މެސެޖެކެވެ. މި މެސެޖުގައި އެކައުންޓުން ވަކި އަދަދެއްގެ ކަނޑާލާފައިވާކަމަށް ބުނުމުން އޭނާވަނީ ބޭންކަށް ގޮސް އެއީ ކިހިނެއް ކިހިނެއް ހިނގާފައިވާ ކަމައްތޯ ބަލާ އޮޅުން ފިލުވާފައެވެ. ބެލި ބެލުމުން އެނގިފައިވަނީ އެއީ އަންހެނުން ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ނެގި އަގެއްކަމަށެވެ.

މިއީ އިންޑިޔާގެ މަރުކަޒީ ބޭންކުގެ ގައިޑްލައިންތަކާވެސް ޚިލާފު ކަމެއްވާއިރު، ކޯޓުން ނިންމާފައިވަނީ 10،000 އިންޑިޔާ ރުޕީސް އަށް ބޭންކު ޖޫރިމަނާ ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު