އެމެރިކާގެ ކެލިފޯނިޔާގައި ހިންގަމުންދާ ހައި ސްކޫލެއްގައި މަސައްކަތް ކުރާ ޓީޗަރަކު، އެސްކޫލުގައި އޭނާ ކިޔަވައިދޭ ކުއްޖެއްގެ ބޯ ގަދަކަމުން ކޮށި މައްސަލައިގައި ހައްޔަރުކޮށްފިއެވެ.

އުމުރުން 52 އަހަރުގެ މާގަރެޓް ގިއެޒިންގާ ނަމަކަށް ކިޔާ މި ޓީޗަރަކީ އެސްކޫލުގައި ސައިންސާއި ކެމިސްޓްރީ ކިޔަވައިދިނުމަށް މަސައްކަތް ކުރަމުންދާ ޓީޗަރެކެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، މި ޓީޗަރު އެކުއްޖާގެ އިސްތަށިގަނޑު ކޮށާލާފައިވަނީ ޤައުމީ ސަލާން ކިޔަމުން ދިޔަ ވަގުތުއެވެ.

މި ޓީޗަރު އެކަން ކުރާ މަންޒަރު ފެންނަ ވީޑިޔޯއެއްވެސް މީސް މީޑިޔާގެ އެކި ވަސީލަތްތަކުގައި އާއްމުވެފައިވެއެވެ. ވީޑިޔޯތަކުން ފެންނަ ގޮތުގައި ފިރިހެން ކުއްޖެއްގެ އިސްތަށިގަނޑު ކޮށާލުމަށްފަހު އޭނާ އަންހެން ކުއްޖެއްގެ ދިގު އިސްތަށިގަނޑެއްގައިވެސް އަތް ހާކައެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު މިކަން ހިނގާފައިވާއިރު، ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުން މި ޓީޗަރު ހައްޔަރުކޮށްފައިވަނީ ކުއްޖަކަށް ގެއްލުން ދިނުމުގެ މައްސަލައިގައެވެ. އެޤައުމުގެ އެސަރަޙައްދުގައި ހެދިފައިވާ ޤަވާއިދުތައް ބުނާގޮތުން ކުދިންގެ ރުހުމާ ނުލައި މިފަދަ ގޮތަކަށް ކުދިންނާމެދު ޢަމަލު ކުރުމަކީ ކުދިންނަށް ގެއްލުން ދިނުންކަމުގައި ބެލެވޭނެއެވެ.

ކަމާ ބެހޭ ފަރާތްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި އެފަރާތްތަކުން ދަނީ މި މައްސަލަ ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. އަދި، ކުއްޖާއަށް ނަފްސާނީ ގޮތުން އެހީތެރިވުމުގެ ގޮތުން ކައުންސެލަރުންގެ ޚިދުމަތްވެސް ހަމަޖައްސައިދީފައިވާކަމަށް ބުނެފައިވެއެވެ.

މައްސަލައިގައި މި ޓީޗަރު ހައްޔަރުކޮށްފައިވާއިރު އޭނާ މިހާރު ހުރީ ސަސްޕެންޝަން އެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު