ކުޅިގަދަ ނޫޑުލްސް ކެއުމުގެ ޗެލެންޖެއް ފަށާ، މި ޗެލެންޖުގެ ފޯރި ގަދަވެއްޖެއެވެ. މީސް މީޑިޔާގެ ތެރޭގައި ހިމެނޭ ޔޫޓިއުބުގައި މި ޗެލެންޖުގެ ފޯރި ގަދަވެފައިވާއިރު، ދުނިޔޭގެ އެކި ސަރަޙައްދުތަކުން އެކި މީހުން ދަނީ މިކަމުގައި ބައިވެރިވަމުންނެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި މި ޗެލެންޖުގެ ތެރެއިން ކޮންމެ މީހަކުވެސް، ވަރަށް ކުޅިކޮށް ހަދާފައި ހުންނަ ނޫޑުލްސް ތައްޓެއް ކާން ޖެހެއެވެ. މި ނޫޑްލްސް ތަށި ކެއުމުގެ ތެރެއިން އެމީހެއްގެ ރިއެކްޝަން ނުވަތަ އެމީހަކަށް ވާގޮތް ވީޑިޔޯ ކުރުމަށްފަހު ޖެހެނީ އަޕްލޯޑް ކުރާށެވެ.

މި ޗެލެންޖުގެ ތެރެއިން އަޕްލޯޑް ކޮށްފައިވާ ބައެއް ވީޑިޔޯތަކުން، ނޫޑުލްސް ކުޅިވެގެން ބައެއް ފަރާތްތަކުން ރޮމުންވެސް ދެއެވެ. ހަމައެހެންމެ، ބައެއް ފަރާތްތަކުން ކުޅި މަޑުކުރުމަށް ފެނާއި ކިރުފަދަ ތަކެއްޗަށް އެދި ގޮވާ މަންޒަރުވެސް ފެނެއެވެ.

ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި މި ޗެލެންޖުގައި އާއްމުކޮށް ބޭނުންކުރަމުން އަންނަނީ ދެކުނު ކޮރެޔާގައި އުފައްދާ ބާވަތެއްގެ ނޫޑުލްސް ކަމުގައެވެ. މިއީ ކުޅިކޮށް އުފައްދާ ބާވަތެއްކަމަށްވާއިރު، މި ނޫން އެހެން ބާވަތްތަކުގެ ނޫޑުލްސް ވެސް ޗެލެންޖުގައި ބޭނުން ކުރަމުން އަންނަކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު