އާދަޔާ ހިލާފަށް އަލިގަދަ ކޮމެޓް (ދުން ތަރި )އެއް މިމަހު 16ގައި ދުނިޔެއާ ވަރަށް ކައިރިން ދަތުރުކުރާނެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ބުނެފިއެވެ.

މި ކޮމެޓް ދުނިޔެއާއި 11.6 މިލިއަން ކިލޯ މީޓަރު ކައިރިން ދަތުރު ކުރާއިރު ދުނިޔެ އާއި ހަނދުގެ ދުރު މިނަކީ 380,000 ކިލޯމީޓަރެވެ. މިއީ މިހާތަނަށް ދުނިޔެއާއި އެންމެ ކައިރިން ދަތުރު ކުރާނެ ދިހަވަނަ ކޮމެޓް ކަމަށް ސައިންސްވެރިން ބުނެއެވެ.

ނެޝަނަލް އޭރަނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ)އިން މައުލޫމާތު ދޭގޮތުގައި މި ކޮމެޓް ދުނިޔެ ކައިރިން ދަތުރު ކުރާ އިރު އުޑުމަތި ސާފު އަދި މޫސުން ރަގަޅު ނަމަ ހަމަ ލޮލަށް މި ކޮމެޓް ދުނިޔޭގެ ހުރިހާ ހިސާބަކުން ފެންނާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ކޮމެޓަކީ ސޯލާސިސްޓަމްގައި (ސުރޫދަ ނިޒާމުގައި) ހިރަފުހާއި ގަނޑުފެނުން އުފެދޭ އެއްޗެކެވެ. އޭތި ފަޒާގައި ދަތުރުކުރާއިރު ނަގުލެއްގޮތަށް ދުންގަނޑެއް ފެންނާނެ އެވެ.

ކޮމެޓްގެ ސަބަބުން ދުނިޔެއަށް ނުރައްކާވި ދެ ފަހަރެއް ތާރީހުގައި ފާހަގަވެފައި ވެއެވެ. އެއީ 1770 ވަނަ އަހަރު ބިމާ ވަރަށްގާތުން ދަތުރުކުރި ކޮމެޓެއްގެ ސަބަބުންނާއި 1983 ވަނަ އަހަރު ބިމާ ވަރަށްގާތުން ދަތުރުކުރި ކޮމެޓެއްގެ ސަބަބުން ކުރިމަތިވި ނުރައްކަލެކެވެ. މިދެ ހާލަތުގައި ވެސް ކޮމެޓްގެ ސަބަބުން ދުނިޔެއަށް ފާހަގަކޮށްލެވޭ ފަދަ ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ގިނަ ހިލަ ފޭބުންފަދަ ކަންކަން ހިނގާފައިވެ އެވެ.

ސައިންސްވެރިން ގަބޫލުކުރާގޮތުގައި ކޮމެޓް އަންނަނީ ސޯލާސިސްޓަމްގެ ބޭރުން ކޫޕަރބެލްޓް އާއި އޫޓް ކްލައުޑް އޭ ކިޔޭ ތަނަކުންނެވެ. މިއީ ހިލައާއި އައިސްގެ އެތިގަޑު ތަކަކުން އުފެދިފައިވާ ތަނެކެވެ.

އެސްޓްރޯނޯމަރސް ގަބޫލުކުރާ ގޮތުގައި ކޮމެޓްތައް އުފެދިފައިވަނީ 5 ބިލިޔަން އަހަރުކުރިން ސޯލަރސިސްޓަމް އުފެދުމާއި ގުޅިގެން އޭގެފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިޔައީ ހީވާ ގޮތަށް ދައްކާ ވާހަކަ ތަކެއް، އެކަމަކު ހުރިހާ ކަމެއް ހިންގަމުން ދަނީ ތަދުބީރު ވަންތަ މާތްﷲ ގެ ރަޙުމަތާއި އެއްގޮތަށް

  2. މަވެސް ދެކުނިން މީގެ ދެއަހަރެއްހާ ދުވަސްކުރިން ވަރަށް ތިރިން މިކަހަލަ ނޫކުލައިގެ ދުންތަރިއެއް ވަރަށް ތިރިން ދާތި. ނޭގެ ތަރިއެއް ކަމެއް ޖިންނިއެއްކަމެއް. 😩