އެމެރިކާގެ އޮހާއިއޯގައި އޮންނަ ޔަންގްސްޓައުންގެ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއްގައި، އާއިލާއަށް ކެތް ކުރަން އުނދަގޫ ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެގޮތުން، މި ނުރައްކާތެރި ހާދިސާގައި އެގޭގައި އުޅެމުންދިޔަ ފަސް ކުއްޖަކު ވަނީ މަރުވެފައެވެ. މި ހުރިހާ ކުދިންނަކީވެސް އުމުރުން ނުވަ އަހަރުން ދަށުގެ ކުދިންނެވެ.

އެސަރަޙައްދުގެ އަލިފާން ނިއްވުމުގެ މަސައްކަތް ކުރާ ފަޔަރ ޑިޕާޓްމަންޓުގެ ކެޕްޓަން ކާޓް ރައިޓްއާ ހަވާލާދީ "ސީއެންއެން" އިން ބުނެފައިވަނީ އެގޭގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެސަރަޙައްދަށް ދިޔައިރު ގޭގެ ބޭރުގައި އަންހެނަކު ހުރިކަމަށެވެ.

އެއީ މަރުވި ކުދިންގެ މަންމަކަމަށް ކެޕްޓަން ބުނެފައިވެއެވެ. ބުނެފައިވެއެވެ. ކެޕްޓަން އިތުރަށް ބުނި ގޮތުގައި މަންމަވަނީ ކުޑަދޮރަކުން ފުންމާލާފައެވެ. އަދި އެކުގައި ތިން ކުއްޖަކު ސަލާމަތްވެސްކުރިއެވެ.

ސީއެންއެން އިން އިތުރަށް ބުނެފައިވާ ގޮތުގައި ފަސް ކުދިންގެ ތެރެއިން ދެ ކުއްޖަކު މަރުވީ ގޭގެ ތެރޭގައި، އަލިފާންގަނޑުގެ ތެރޭ އޮއްވާކަމަށެވެ. އަދި ބާކީ ތިބި ތިން ކުދިން މަރުވީ ކައިރި ސަރަޙައްދުތަކުގައި ހުރި ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށްކަމަށްވެސް ބުނެފައިވެއެވެ.

މި ނުރައްކާތެރި އަލިފާންގަނޑުގެ ސަބަބުން މަންމައަށް އަނިޔާވުމުގެ އިތުރުން، އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ދެ ފަޔަރ ފައިޓަރަކަށްވެސް ގެއްލުން ލިބިފައިވެއެވެ.

މިއީ، އެއްވެސް ގޮތަކުން ރޭވިގެން ނުވަތަ ބަޔަކު މަރާލުމަށް ހިންގާފައިވާ ކަމެއްކަމަށް ބެލެވޭނެ އެއްވެސް ޖާގައެއް ނެތްކަމަށްވެސް ފަޔަރ ޑިޕާޓްމަންޓުގެ ކެޕްޓަން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު