ކުރީގެ ސަރުކާރުން، ހދ. ކުޅުދުއްފުށީގައި ވަނީ އެއަރޕޯޓެއް ބިނާކޮށްފެއްވާފައެވެ. މި އެއަރޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައިވީނަމަވެސް އެއަރޕޯޓުގެ ޓާމިނަލްގެ މަސައްކަތާއި ފަޔަރ ސްޓޭޝަންގެ މަސައްކަތްތައް ނުނިމެއެވެ. ހަމައެހެންމެ، އެއަރޕޯޓު ވަށާ ޖަހަން ޖެހޭ ފެންސުގެ މަސައްކަތްތަކެއްވެސް ނުނިމެއެވެ.

މި ކަންތައްތަކުގެ ތެރެއިން ސިޔާސީ މަޝްރަހުވެސް ހޫނުވެގެން ދިޔައެވެ. އެހެން އުޅެނިކޮށް ޓާމިނަލްގެ މަސައްކަތް މިހާރު އޮތީ އެއްކޮށް ހުއްޓިފައެވެ. އެހެންނަމަވެސް، ފެންސު ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެރަށު އެއަރޕޯޓު ތެރެއަށް މިހާރު މީހުން ބޭނުންގޮތަކަށް ވަދެ އުޅެއެވެ. ވަށައިގެން، ސަރަޙައްދު އިން ވަކިކުރަން ޓޭޕު ދަމާ ބެރިކޭޑު ޖަހާފައިވީނަމަވެސް، އެތަނަށް ވަދެއެވެ. ވަދެ، ރަންވޭ މަތިން ސައިކަލު ދުއްވާ ހަދައެވެ. ހަމައެހެންމެ، އާއިލާއާއިކު ޕިކްނިކް ހަދާލަން ދާ ތަނަކަށާއި ޖޮގިންގ ކުރަން ދާ ތަނަކަށް އެތަންވަނީ ވެފައެވެ.

ކަން މިހެން އޮތްއިރު، އަވަށްޓެރި އިންޑިޔާގައިވެސް މިފަދަ މައްސަލައެއްވަނީ ކުރިމަތިވެފައެވެ. އެގޮތުން، މި މަހުގެ ނުވަވަނަ ދުވަހު ރަސްމީކޮށް ހުޅުވި އެއަރޕޯޓެއްގެ ފެންސު މަތިން މީހުން އަރާ މައްސަލަވަނީ ބޮޑުވެފައެވެ.

ކެރެލާ ސްޓޭޓުގެ ކަންނޫރުގައި ހުޅުވި އިންޓަނޭޝަނަލް އެއަރޕޯޓަށް މަތިންދާބޯޓު ޖައްސާ މަންޒަރު ބަލަން މީހުން ފެންސު މަތިން އަރާއިރު، އެކަން އެޤައުމުގައި ވަނީ ބޮޑު ޖޯކަކަށްވެފައެވެ. މިކަމާ ގުޅިގެން، މީސް މީޑިޔާގައި ދަނީ އެތައް ބަޔަކު ޖޯކު ޖަހާ، "މީމް" ހަދަމުންނެވެ.

އިންޑިޔާގެ ދެކުނުގެ ސްޓޭޓުގައި ހުޅުވި މި އެއަރޕޯޓަކީ އެ ސްޓޭޓުގައި ހުޅުވި ހަތަރުވަނަ އެއަރޕޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަބީބު

    ޖަޒީރާވަންތަކަން ދޯ އެ ފެންނަނީ؟