ފޯނު ޗާޖު ކުރުމުގެ ތެރެއިން މީގެކުރިންވެސް ނުރައްކާތެރި ޙާދިސާތައް ހިނގާފައިވެއެވެ. ފޯނު ޗާޖުކުރަމުން، ފޯނުން އެހެން ބޭނުންތައް ފުއްދަން އުޅުމުގެ ތެރޭގައި ފޯނު ގޮވުންފަދަ ކަންކަން މީގެކުރިން ހިނގާފައިވެއެވެ. މިފަދަ އެތައް ވާހަކަތަކެއް ނޫސްތަކުގައި ޖަހާފައިވެސްވެއެވެ.

އެގޮތުން އަނެއްކާވެސް މިފަދަ ކަމެއް ވަނީ ހިނގާފައެވެ. ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި، ފޯނު ޗާޖު ކުރަމުން ހެޑްފޯނު އަޅައިގެން ލަވަ ކިޔަން އިންދާ ފުރާވަރު އުމުރުގެ ކުއްޖަކުވަނީ ކަރަންޓުގައި ޖެހިފައެވެ.

މެލޭޝިޔާގައި ނެރެމުންދާ ނޫސްތަކާ ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހު، އެޤައުމުގެ ކަމްޕުންގ ގައިންގ ބާރޫ ޕެޑާސް ސަރަޙައްދުގައެވެ. ކަރަންޓުގައި ޖެހުނީ އުމުރުން 16 އަހަރުގެ މުޙައްމަދު އައިދީ އަޒްހަރު ޒަހްރީން ނަމަކަށް ކިޔާ ކުއްޖެކެވެ.

މިކަން ހިނގި ގޮތް ބަޔާންކުރަމުން ނޫސްތަކުން ބުނެފައިވަނީ ކަރަންޓުގައި ޖެހުމުގެ ސަބަބުން ޒަހުރީން ފެނުނުއިރުވެސް އޮތީ ވެއްޓިފައިކަމަށެވެ. ވެއްޓިފައި އޮތްއިރު އޭނާއަށް އެއްވެސް ހަރަކާތެއް ނުކުރެއެވެ. އަދި ވައަތު ކަންފަތުން ލޭ އަންނަކަމަށްވެސް ކުއްޖާގެ މަންމައާ ހަވާލާދީ ނޫސްތަކުން ބުނެފައިވެއެވެ.

ކުއްޖާގެ މަންމަ ބުނިގޮތުގައި އެގޮތަށް ކުއްޖާ އޮންނަތާ އެތައް އިރެއްވިއެވެ. އެގޮތުން އެމީހާ އޮފީހަށް ދާން ނިކުތްއިރުވެސް އޮތީ އެގޮތަށެވެ. އެހެންނަމަވެސް، ނިދާފައިކަމަށް ހިތާ ނުގޮވައެވެ. އެހެންނަމަވެސް، އެނބުރި އޮފީހުން އައިއިރުވެސް ކުއްޖާ އޮތީ ހަމަ ކުރިން އޮތްގޮތަށެވެ. ކަމެއް ގޯސްކަން އެނގުނީ މި ހިސާބުންނެވެ. އެހެންނަމަވެސް، އޭރު ވަގުތު ފާއިތުވެއްޖެއެވެ. ކުއްޖާ އޮތީ މަރުވެފައެވެ.

އެހެންނަމަވެސް، ހަށިގަނޑުގެ ބޭރު ފުށުން މާ ބޮޑެތި ގެއްލުންތަކެއް ފެންނާކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮންދު

    ހެޑުފޯނު އަޅައިން؟ މީ ކޮން ބައްތަރު ދިވެހި ބޮންދު ދިވެހިތަ؟؟؟

    • ނީނާ

      މިކޮން ބައްތަރު؟ ބޮންދު ހުއަނީ

  2. Ach

    އެހެންނަމަވެސް ވަރަށް ދެރައޭ.