ފޯނަކީ މިހާރު އެއާ ނުލައި ނޫޅެވޭ އެއްޗެކެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ކަމެއް ކުރުމަށް ފޯނުގެ ބޭނުން އިންތިހާއަށް ޖެހެއެވެ. އެންމެ ދުވަހަކުވެސް، ފޯނާ ދުރުގައި އުޅެން ގިނަ ފަރާތްތަކަކަށްވަނީ ދަތިކަމަކަށް ވެފައެވެ.

އެހެންކަމުން، ކުންފުންޏަކުން ވަނީ ވަރަށް ތަފާތު ހަރަކާތެއް ފަށާފައެވެ. އެއީ، އެއް އަހަރުގެ މުއްދަތެއްގައި، މީގެ އެތައް އަހަރެއް ކުރިންނ ނެރެފައިވާ ޒާތުގެ ފޯނެއް ބޭނުންކޮށްގެން ބޮޑު ފައިސާގެ އިނާމެއް ހޯދޭނޭ ހަރަކާތެކެވެ. 1996 ވަނަ އަހަރު ދުނިޔޭގެ ބާޒަރަށް ނެރެފައިވާ މި ފޯނުން ކުރެވޭނެ ހަމައެކަނި ކަންކަމަކީ މީހުންނަށް ގުޅުމާއި، އެސްއެމްއެސް ކުރުން އަދި ސްނޭކު ގޭމު ކުޅުމެވެ.

"ވިޓަމިން ވޯޓަރ" ނަމަކަށް ކިޔާ ކުންފުންޏަކުން މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ކާމިޔާބުކަމާއެކު އެއް އަހަރުގެ މުއްދަތު މި ފޯނު ގެންގުޅެވިއްޖެކަމުގައިވާނަމަ ފައިސާގެ އިނާމެއްގެ ގޮތުން 154،768 ދިވެހި ރުފިޔާ ލިބިގެންދާނެއެވެ.

މިކަން ކުރިއަށް ގެންދާ ކުންފުނިން ބުނެފައިވާ ގޮތުގައި، ހަރަކާތް ފެށުމުގެ ކުރިން ބައިވެރިން ކުންފުންޏާއެކު އެއްބަސްވުމެއް ހަދަން ޖެހޭނެއެވެ. މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި މި މުއްދަތުގެ ތެރޭގައި އެހެން އެއްވެސް ފޯނެއް ބޭނުން ކުރުމާއި، އާއްމުކޮށް ގެންގުޅޭ ސްމާޓް ފޯނު ނިއްވާލުމާއި، ނަފްސާނީ ގޮތުން މިކަމަށް ތައްޔާރުވުން ހިމެނެއެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި މުއްދަތުގެ ތެރޭގައި މަކަރު ހަދައިތޯ ބަލާނީ ކިހިނެއްކަމެއް ނޭނގެއެވެ. އެހެންނަމަވެސް، އެންމެ ފަހުން ލައި ޑިޓެކްޓަރ ބޭނުންކޮށްގެން ކަންކަން ދެނެގަންނާނެކަމަށް ބުނެފައިވެއެވެ.

މި ހަރަކާތުގައި ބައިވެރިވުމުގެ ސުން ގަޑިއަކީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނުވަވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޯނުގަނޑު

    ކިހިނެއް ހަދަން ޖެހެނީ ބައިވެރިވާން! އެގޮތެއް ވެސް ޖަހާލިނަމަ!