މާ ބޮޑަށް ފަލަވުމަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެމުންދާ އެތައް ބަޔަކަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. ބަރުދަން ލުއިކުރުމަށް ނުވަތަ ހިކިވުމަށް އެކި ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އަދިވެސް ހުރިހާ ފަރާތްތަކަށް "ކާމިޔާބު މޮޑެލް" އެއް ހޯދިފައި ނުވެއެވެ.

ސައިންސްވެރިން އަނެއްކާވެސް މިވަނީ ބަރުދަން ލުއިކުރުމަށް ނުވަތަ މާ ބޮޑަށް ފަލަވުމަށް އޮތް ހައްލުގެ ގޮތުގައި އިތުރުކަމެއް ހާމަކޮށްފައެވެ. މިފަހަރު ސައިންސްވެރިން ބުނެފައިވަނީ ވަކި ވައްތަރެއްގެ މޭވާއެއް ނުވަތަ ތަރުކާރީއެއް ކެއުމަކަށް ނޫނެވެ. މިފަހަރު އެފަރާތްތަކުން ބުނެފައިވަނީ ވެލި ކެއުމަށެވެ.

އޮސްޓްރޭލިޔާގެ ސައިންސްވެރިން މިކަން ހާމަކޮށްފައިވާއިރު، އިންސާނުންގެ ހަށިގަނޑުގެ ނިޒާމާ އެއްގޮތް ނިޒާމު ހުންނަ ބައެއް ޖަނަވާރުތައް ބޭނުންކޮށްގެން ސައިންސްވެރިން ވަނީ މިކަމުގެ ބައެއް ތަހުލީލުތައްވެސް ކުރިއަށް ގެންގޮސްފައެވެ.

މިއީ އިންސާނުންނަށް މާ ކަމުދާނެ ގޮތަކަށްވެސް ނުވެއެވެ. އެހެންނަމަވެސް، ސައިންސްވެރިން ބުނަނީ މީދާ ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާތަކާއި ތަހުލީލުތަކުން، މިއީ ކާމިޔާބު ގޮތެއްކަން ހާމަވެފައިވާކަމުގައެވެ.

މީގެއިތުރުންވެސް، އެފަރާތްތަކުން ބުނެފައިވަނީ ޤަދީމީ ޒަމާނުގައި އުޅުނު ފަރާތްތަކުންވެސް ހިކުމަށް ވެލި ކައިފައިވާކަމުގައެވެ. އެގޮތުން ގްރީސްގައި ކުރުން އުޅުނު ފަރާތްތަކުން މި ބޭނުމަށްޓަކައި ވެލި ކައިފައިވާއިރު، ބަނޑުގައި އޮންނަ ދަރިފުޅުގެ ޞިއްޙަތު ރަނގަޅުކުރުމަށްވެސް ވެލި ކާން ދީފައިވާކަމަށްވެއެވެ.

ސަދަރން އޮސްޓްރޭލިޔާގެ ޔުނިވަރސިޓީގައި މަސައްކަތް ކުރަމުންދާ ތަޖުރިބާކާރުން މި ކަން ހާމަކޮށްފައިވާއިރު އެފަރާތްތަކުން އިތުރަށް ބުނެފައިވާ ގޮތުން މާ ބޮޑަށް ފަލަވުން ހުއްޓުވުމަށްޓަކައި ކާ ބޭސްތަކަށްވުރެ ވެލި ކެއުމަކީ ޞިއްޙީ ގޮތުން ބަލާއިރު ހަށިގަނޑަށް މާ ރަނގަޅު ގޮތެކެވެ.

މިއީ ސައިންސްވެރިން ހާމަކޮށްފައިވާ ގޮތުން ކިތަންމެ ރަނގަޅު ގޮތެއްވިޔަސް، މިއީ މާ ގިނަ ފަރާތްތަކުން ޤަބޫލު ކުރާނެ ކަމެއްކަމަށް ނުބެލެވެއެވެ.