ހަށިގަނޑުން ގުޅިފައިވާ އެއް ނިބޫ ދެ ކުދިން، އެއްވެސް އަގަކާ ނުލައި ވަކިކޮށްދީގެން އަވަށްޓެރި އިންޑިޔާގެ ބޮޑެތި ޑޮކްޓަރުންތަކަކަށް އެތައް ބަޔަކު ތަޢުރީފު ކުރަމުން އެބަދެއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި މި އެއް ނިބޫ ދެ އަންހެން ކުދިންގެ ހަށުގަނޑު ވަކިކިރުމަށްޓަކައި ބޮޑު އޮޕަރޭޝަނެއް ކޮށްފައިވަނީ އެކުދިންގެ ދުނިޔެއަށް އުފަންވިތާ ތިންވަނަ ދުވަހުއެވެ.

އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގެ ވަރަނާސީގައި ހުންނަ އެސް.އެސް ހޮސްޕިޓަލުގައި މި ބޮޑު އޮޕަރޭޝަން ކޮށްފައިވާއިރު މިކަމުގެ މައުލޫމާތުތައްވެސް މިކަމުގައި ހަރަކާތްތެރިވެފައިވާ ޑޮކްޓަރުންވަނީ އާއްމުކޮށްފައެވެ.

ޑޮކްޓަރުން ބުނި ގޮތުގައި އެއް ހަށިގަނޑުން ގުޅިފައިވާ ދެ ކުދިންނަކީ ވަކި ދެ މިނިވަން ހަށިގަނޑުގެ ވެރި ކުދިންނަށް ހެދުމަށްޓަކައި ޖެހުނީ މޭކަށިގަނޑާ ދިމާއިން ވަކިކުރަންށެވެ. މި ނުރައްކާތެރި މަސައްކަތް ޑޮކްޓަރުން ކޮށްފައިވަނީ މި ތުއްތު ދެ ކުދިންގެ ހޭ ނައްތައިގެންނެވެ.

މި ހިނގާ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު މި އޮޕަރޭޝަން ކޮށްފައިވާއިރު، އޮޕަރޭޝަން ކުރަން ފެށުމުގެ ކުރިން ކުދިންގެ މައިންބަފައިންނާއި އާއިލާއިން ތިބީ ވަރަށް ކަންތައް ބޮޑުވެފައިކަމަށް ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.

މިއީ ވަރަށް ގިނަ ޚަރަދުތައް ހިނގާ އޮޕަރޭޝަނެއް ކަމުގައިވިޔަސް އެސް.އެސް. ހޮސްޕިޓަލުގެ ޑޮކްޓަރުން މި އޮޕަރޭޝަން އެއްވެސް އަގަކާ ނުލައި ހިލޭ ކޮށްދީފައިވަނީ މިއީ ވަރަށް ފަޤީރު އާއިލާއެއްގެ ކުދިންނަށްވާތީއެވެ.

މި އޮޕަރޭޝަން ކުރުމުގައި ހަރަކާތްތެރިވި ޕީޑިއޭޓްރިކް ސާޖަން އެއް ކަމުގައިވާ ޑރ. ވައިބަވް ޕާންޑޭ ބުނެފައިވަނީ މިއީ އެހޮސްޕިޓަލުގައިވެސް ވަރަށް މަދުން ނޫނީ ނުކުރާ ބާވަތެއްގެ އޮޕަރޭޝަނެއްކަމުގައެވެ. އަދި، އެތައް ގަޑިއިރެއް ވަންދެން ކުރި އޮޕަރޭޝަން ކާމިޔާބު ވުމުން ވަރަށް އުފާކުރާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި އޮޕަރޭޝަން ކުރުމުގައި ޖުމުލަ 30 މެންބަރުންގެ ޓީމެއް ހަރަކާތްތެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮލް

    ނިބޫ އެއީ ކޯއްޗެއް؟

  2. އ

    މާޝާﷲ