އަމިއްލަ ދަރިން، ރޭޕުފަދަ ނުބައި ޢަމަލުތަކުގެ ޝިކާރައަށް ވެގެންދާ މަންޒަރު ބަލަން އެއްވެސް މަންމައަކަށް ކެތް ނުކުރެވޭނެކަން ޔަޤީނެވެ. ހަޤީޤީ ކޮންމެ މަންމައަކުވެސް، އެމީހުންގެ ދަރީން އެޙާލަތުން މިންޖުކުރުމަށް އެމީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން މަސައްކަތް ކުރާނެކަންވެސް ޔަޤީނެވެ.

އެގޮތުން، ދެކުނު އެފްރިކާ އަށް ނިސްބަތްވާ މި މަންމަވަނީ އޭނާގެ ދަރިފުޅު ސަލާމަތްކުރުމަށް ކަށިން ހިތްވަރު ނެރެ، އެކަން ސާބިތުކޮށްދީފައެވެ.

އުމުރުން 57 އަހަރުގެ މި އަންހެން މީހާވަނީ އޭނާގެ ދަރިފުޅު ރޭޕުކުރަމުން ދިޔަ ތިން ފިރިހެނުންނަށް ބޮޑެތި އަނިޔާތަކެއް ދީފައެވެ. ވަޅިއަކުން މި ތިން މީހުންނަށް އަނިޔާ ދީފައިވާއިރު އެކަމުގެ ސަބަބުން އެތަނުން އެކަކު މަރުވެފައިވެއެވެ. އަދި އިތުރު ދެ މީހުންނަށްވެސް ބޮޑެތި އަނިޔާތަކެއްވިއެވެ.

ދެކުނު އެފްރިކާގެ އިރުމަތީ ސަރަޙައްދުގެ އަވަށެއްގައި އުޅެމުންދާ މި އަންހެން މީހާ ބުނެފައިވާ ގޮތުގައި އެއް ދުވަހު އޭނާ އުޅެމުން ދިޔައީ އަންހެން ދަރިފުޅަށް ހަވީރުގެ ނާސްތާ ތައްޔާރުކުރުމަށެވެ. މި މަސައްކަތުގައި އުޅެމުން ދަނިކޮށް ގެއަށް ރައްޓެއްސަކު އައިސް ބުނެފައިވަނީ ތިން މީހަކު އޭނާގެ 27 އަހަރުގެ ދަރިފުޅު ދަމަމުން އިމާރާތެއްގެ ތެރެއަށް ވައްދާ، ބަރަހަނާ ކުރާ މަންޒަރު ފެނުނުކަމަށެވެ.

އެސަރަޙައްދުގެ ޕޮލިސް ސްޓޭޝަނަށް ގުޅައިގެން ޚަބަރެއް ނުވުމުން، އޭނާ އެންމެ ފަހުން ނިންމާފައިވަނީ އަމިއްލައަށް އެކަމަށް ފިޔަވަޅު އެޅުމަށެވެ. އެހެންކަމުން، ބަދިގޭގައި ބޭނުންކުރާ ވަޅިއެއް ހިފައިގެން އޭނާވަނީ ދުއްވައިގެންފައެވެ.

ގާތްގަނޑަކަށް ދެ މޭލުގެ ސަރަޙައްދަކަށް އޭނާ ދުވެފައި ގޮސް، ރަހުމަތްތެރިވާ ދެއްކި ތަނަށްވަނީ ވަދެފައެވެ. އެވަގުތު އޭނާގެ ދަރިފުޅު ހަޅޭލަވަމުންދާ އަޑު އިވިފައިވެއެވެ. އަދި، ލަހެއް ފަހެއް ނެތި އޭނާވަނީ ގޮަސް ތިން ފިރިހެނުންނަށް ހަމަލާ ދީފައެވެ.

ފަހުން ފުލުހުން އައިސް ރޭޕު ކުރަން މަސައްކަތް ކުރަމުން ދިޔަ މީހުންވަނީ ގެންގޮސްފައެވެ.

މި އަންހެން މީހާގެ އަސްލު ނަމަކީ ކޮބައިކަން ނޫސްތަކުން އާއްމުކޮށްފައި ނުވާއިރު، ނޫސްތަކުން އެމީހާއަށް ނިސްބަތްކޮށް ކިޔަމުން ދަނީ "ސިންގާ މަންމަ" އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކިޔާ

    ސާބަސް...!!!!ފިސާރި ހިތްވަރުގަދަ ކެރޭ މަންމައެއް..އިންޑިޔާގެ ނިކަމެތި އަންހެންކުދިންގެ ހިމާޔަތުގަ ތެދުވުމަށްވެސް ބޭނުންވަނީ ހަމަ ތިކަހަލަ ލާމަސީލު މަންމައެއް...

  2. ސަޒުނާ

    ސާބަސް ސާބަސް. އައްސަރިބަހާއި ސާބަސް

  3. ޖޮއްބެ

    މެޑަލް ފޯ ބްރޭވަރީ އެ މައްމަ އަށް ދޭންފެނޭ.

  4. ބުއްޅަބޭ

    އިންޑިޔާގެ ނޫސްތަކަށް މިޚަބަރު ފޮނުވާ!

  5. ކަމަނަ

    ލިޔާ އެއްޗެއް ކިޔާ މީހުންނަށް ދޭހަވާ ގޮތަށް ލިޔަން ދަސްކޮށްބަލަ ދިވެހިން ފާސްނުވޭ ދޯ

    • އަބުއި

      ކަމަނައަށް ފަހުމް ނުވުމަކީ، ލިޔުނުމީހާގެ މައްސަލައެއް ނޫނޭ!

  6. ފޯއްބެ

    ހޯރަ އިއްބެއަށް ވެދުން ސަލާމް..