އަވަށްޓެރި އިންޑިޔާގެ އިރު ދެކުނު ސަރަޙައްދުގައި އަންނަ އަންދްރަ ޕްރަދޭޝް ސްޓޭޓަށް މިހާރުދަނީ ނުރައްކާތެރި ތޫފާނެއްގެ އަސަރު ކުރަމުންނެވެ. ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑެއް ބާރުވެ އުފެދުނު މި ތޫފާނަށް ދީފައިވަނީ "ޕެޓާއީ" ގެ ނަމެވެ.

މި ތޫފާނުގެ ސަބަބުން އަންދްރަ ޕްރަދޭޝްގެ އެކި ސަރަޙައްދުތަކަށް ދަނީ ގަދަ ވަޔާއިއެކު ބޯކޮށް ވާރޭވެހުމުންނެވެ. އަދި ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރިވެ ތިބުމަށްވެސް އިލްތިމާސް ކޮށްފައެވެ.

މި ގޮތުން، ތޫފާނުގެ ސަބަބުން ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ ސަރަޙައްދުގެ ބައެއް ހިސާބުތަކަށް ވަރަށް އާދަޔާ ޚިލާފު ކަމެއްވެސް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ބައެއް ސަރަޙައްދުތަކަށް މަހުގެ ވާރޭ ވެހިފައިވާކަމަށް އެސަރަޙައްދުގައި ނެރެމުން އަންނަ ނޫސްތަކާ ހަވާލާދީ އިންޑިޔާގެ ބޮޑެތި ނޫސްތަކުން ބުނެފައިވެއެވެ.

އިއްޔެ މީސް މީޑިޔާގައި އާއްމުކޮށްފައިވާ ވީޑިޔޯތަކުން ފެންނަ ގޮތުގައި އެ ސްޓޭޓުގެ އަމަލްފުރަމް އަށް ވެހެމުން ދިޔަ ވާރެއާއެކު ބިމަށް ދިޔައީ މަސްވެސް ވެހެމުންނެވެ. އަމަލްޕުރަމްގެ އެކި ސަރަޙައްދުތަކުން މިކަން ފާހަގަކުރެވިފައިވާއިރު އެކި ބާވަތްތަކުގެ މަސްތައް މަތިން ވެހިފައިވާކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫފާންތަކާއެކު އަންނަ ވިއްސާރައިގެ ސަބަބުން މިފަދަ ގޮތަކަށް ކަންތައްވަނީ ގަދަ ވައިގެ ސަބަބުންނެވެ. އެގޮަތުން، ބާރުވައިގެ ސަބަބުން، ކޯރުތަކާއި، މޫދުގައި އަދި އެފަދަ އެހެން ތަންތަނުގައި އުޅޭ ދިރުންތައް އެކީ އެކައްޗަަކަށް ނަގައިގެނެ ކައިރި ސަރަޙައްދުތަކަށް ބުރުއްސާލައެވެ.

މީގެކުރިން، ދުނިޔާގެ އެހެން ސަރަޙައްދުތަކުގައި މަހުގެ އިތުރުން ކަކުންޏާއި ބޮއްވެސް ތޫފާންތަކުގެ ސަބަބުން މަތިން ފައިބައިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިބަރުތަރި

    މަޝްހޫރު ފިޝްފޯލިން