މި ދިޔަ އޮގަސްޓް މަހު މޮރޮކޯގައި ރޭޕްގެ ޝިކާރައަކަށް ވި ކުޑަ ކުއްޖަކު ރޭޕްގެ ސިކާރައަކަށް ވަމުންދާ އަންހެނުންނާއި ކުޑަ ކުދިންނަށް ވަރަށް ވަރުގަދަ މެސެޖެއް ދީފިއެވެ.

އޮގަސްޓް މަހު ދެކުނު އެފްރިކާގެ ރަސްކަމެއް އޮންނަ މޮރޮކޯ ސިއްސުވާލި ރޭޕް ހާދިސާގައި ރޭޕްގެ ޝިކާރައަކަށްވި އުމުރުން 17 އަހަރުގެ ޚަދީޖާ ވަނީ ރޭޕް ވާ އަންހެން ކުދިން ހަނު ނުތިބުމަށާއި މަޑުން ނުތިބުމަށް ގޮވާލާފައެވެ.

މަޝްހޫރު "ގާޑިއަން " ނޫހަށް ދިން އިންޓަވިއުގައި އޭނާ ވަނީ މިފަދަ ހާދިސާއެއް އެހެން މީހަކަށް ދިމާވާން އޭނާ ބޭނުން ނުވާ ކަމަށާއި އޭނާ އަކީ ވަރަށް ހިއްވަރު ގަދަ ކުއްޖެއް ކަމަށް އަމިއްލައަށް ގަބޫލުކުރާ ކަމަށް ބުނެފައެވެ.

ޚަދީޖާ ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި 12 މީހަކު މޮރޮކޯ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މިދިޔަ އޮގަސްޓް މަހު ޚަދީޖާ ވަގަށް ނަގައި އަނިޔާކޮށް ރޭޕްކޮށް އަދި ގަދަކަމުން ވަނީ ޓެޓޫ ޖަހާފައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މޮރޮކޯގެ ކޯޓުން އަމުރުވެސް ކުރިއެވެ.

މި މައްސަލާގައި އެގައުމުގެ ރައްޔިތުންގެ ރުޅިވެރިންކަން ވަނީ އެގައުމުގެ ސަރުކާރަށް އަމާޒުވެފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް އެދި 29,000 މީހުން ސޮއިކޮށް ޕެޓިޝަނެއް ވެސް ވަނީ ސަރުކާރަށް ހުށައަޅާފައެވެ.

ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ކަދީޖާ ބުނިގޮތުގައި އޭނާ ވަގަށް ނެގީ ވަޅިން ބިރުދެއްކުމަށް ފަހު މިދިޔަ ރޯދަ މަހުގައި ކަމަށާއި އެމީހުން ވަނީ އޭނާ އަށް ވަރަށް އަނިޔާ ކޮށްފައި ކަމަށެވެ.

މޮރޮކޯގެ ފުލުހުން ހާމަކުރި ގޮތުގައި އެ އަންހެން ކުއްޖާއަށް އަނިޔާކޮށް ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި އިތުރު ތިން މީހަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު މޮރޮކޯ ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މިދިޔަ ޖޫން މަހު މޮރޮކޯގެ މިސްކިތެއްގެ އިމާމަކު އެތައް އަހަރެއް ވަންދެން ކުޑަ އަންހެން ކުދިންތަކެއް ރޭޕް ކުރި ކަން ވަނީ ފަޅާ އަރާފައެވެ. މި އިމާމް ޖިންސީ ފުރައްސާރަ ކުރަމުން ގެންދިޔަ ކުދިންނަކީ އިމާމުގެ ބެލުމުގެ ދަށުން އެކުދިންނަށް ގުރުއާން ރީތި ކޮށް ކިޔަވަން ދަސް ކޮށްދިނުމަށާއި ގުރުއާން ހިތު ދަސްކޮށްދިނުމަށް ބެލެނިވެރިން މިސްކިތައް ފޮނުވަމުން ދިޔަ ކުދިންނެވެ.

ކިޔުންތެރިންގެ ހިޔާލު