ކޮންމެ މީހަކީވެސް އުފާވެރި ހަޔާތަކަށް އެދޭނެ މީހެއްކަން ގައިމެވެ. ހިތްދަތިކަމާއި ހިތްމޮޅިކަމާއި މާޔޫސްކަމުން އެކަހެރިވެ، އުފާވެރި ހަޔާތެއް ކޮންމެމީހަކުވެސް ބޭނުންވާނެއެވެ. ނަމަވެސް ހަޔާތަކީ ކޮޅިގަނޑުތައް ގިނަ އެއްޗެއް ކަމުން، ބައެއް މީހުންނަށް އުފާވެރި ދިރިއުޅުމެއް އުޅުން ވެފައިވަނީ ވަރަށް އުނދަގޫކަމަކަށެވެ. އެކަމަކު އެއީ ތި ހީކުރާހައި އުނދަގޫ ކަމެއް ނޫނެވެ. އުފާވެރި ހަޔާތަކަށް އެދޭނަމަ، ތިރީގައި މިވާ ކަންކަން ކޮށްލައްވާށެވެ.

ހެނދުނު ޚަބަރު ކިޔުން މަދުކޮށްލާ!

ޚަބަރު ނުކިޔާ ހުރުމަކީ އެއްގޮތަކަށްވެސް ފަސޭހަ ކަމަކަށް ނުވާނެކަން ޤަބޫލުކުރަމެވެ. އެހެންނަމަވެސް، ހެނދުނު ހެނދުނާ ޚަބަރުކިޔުން މަދުކޮށްލާށެވެ. އެއީ އާންމު ގޮތެއްގައި ހެނދުނު ހޭލާ އިރު މީހާ ހުންނާނީ ވަރަށް ތާޒާ ކަންމަތީގައެވެ. އެކަމަކު، ކިޔާ ލެވޭ ހަބަރެއްގަ އޮންނަ އެއްޗެއްގެ ސަބަބުން މޫޑް ބަދަލުވެ، އުފާވެރިކަން ފިލާގޮސް، ސްޓްރެސް ވުން ގާތެވެ.

އެހެންމީހުންނަށް ޝުކުރުވެރިވާތި!

ތިމާއަށް މީހަކު ކަމެއް ކޮށްދިނުމުން، އެ ކަންތައް ބަލައިގަންނަން ހަނދާން ކުރާށެވެ. ކުޑަ މިނުން، އޭނާއަށް ޝުކުރުގެ ބަހެއް ބުނެލާށެވެ. އޭރުން އޭނާގެ ހިތްވެސް ތިމާއަށް ހެޔޮވެ، އޭނާވެސް އޯގާތެރިކަމާއިއެކު ވާހަކަ ދައްކާނެއެވެ. މިކަމުގެ ސަބަބުން، ބަޔާން ކުރަން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ.

އައު ކަންތައްތައް ދަސްކުރަން މަސައްކަތްކުރޭ!

ތިމާއަށް ނޭނގޭ މުޅިން ތަފާތު އައު ކަމެއް ދަސްކުރަން މަސައްކަތްކުރާށެވެ. މިއީ ވަކި އުމުރަކަށް އޮންނާނެ ކަމެއް ނޫނެވެ. ކިތަންމެ އުމުރުން ދުވަސް ވެފައި ވިޔަސް، ނުވަތަ ކިތަންމެ ކުޑަކުއްޖަކަށްވިޔަސް، އަބަދުވެސް އައު ތަޖްރިބާއެއް ލިބޭ ކަމެއް ކުރަންވާނެއެވެ. އެފަދަ ކަންކަމުގައި މަސްއޫލްވެ އުޅޭއިރު، ތިމާގެ ވިސްނުން ތޫނުފިލި ވުމަށް މަގުފަހިވެ، ހިތަށް ހަމަޖެހުން ލިބޭނެއެވެ. ވަކީން ޚާއްސަކޮށް ކުރިން ނޭނގޭ މައުލޫމާތެއް ނުވަތަ ކަމެއް ދަސްވުމުންނެވެ.

ކަސްރަތު ކުރަން އާދަ ކުރޭ!

ކިތަންމެ ބުރަކޮށް އުޅުނުކަމުގައިވިޔަސް، ކަސްރަތު ކުރަން ހަނދާން ބަހައްޓާށެވެ. މިސާލަކަށް ފަތިހު ދުވެލަން ދެވިދާނެއެވެ. އޭރުން ސްޓްރެސް ބޭރުވެ، މީހާ އިތުރަށް ތާޒާ ކޮށްދީ، އުފާވެރިކަން މޫނުމައްޗަށް ގެނެސްދޭނެއެވެ.

ހިތުގެ އުދާސްތައް އެހެން މީހުންނާ ހިއްސާ ކުރޭ!

ހިތުގައި އުފެދޭ އުދާސްތަކާއި ޝަކުވާތައް، ތިމާއާއި ގާތް ރަޙުމަތްތެރިޔަކާއި ހިއްސާ ކުރާށެވެ. އޭރުން، އެކަމަށް ހައްލެއް ހޯދުމަށްވެސް ފަސޭހަވެގެންދާނެއެވެ. އަދި ހިތު ތެރޭގައި ފުނި ޖެހިފައިވާ ޝަކުވާތައް ބޭރުކޮށްލެވުމުން، ހިތަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ގޮސް، އުފާވެރިކަން ވެރިކުރުވާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު