ބައެއް ފަހަރު ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން ޤަވާއިދުން ލާ އަންނައުން ދޮންނަން ޖެހުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ވަކީން ޚާއްޞަކޮށް ތަނެއްގައި އެކަން އުޅެން ޖެހޭކަމުގައިވާނަމަ މިކަމުގެ އުނދަގޫ އިންތިހާއަށް ބޮޑުވެގެންދެއެވެ.

އެހެންކަމުން، މިކަންކަން ހައްލުކުރުމަށް ޓެކްނޮލޮޖީގެ ބޭނުން، އޭގެ މާހިރުން ދަނީ ކުރަމުންނެވެ.

އެގޮތުން، އެލަން މާތާ ފައުންޑޭޝަން އިން ވަނީ މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން، އެތައް ހަފްތާއެއް ވަންދެން ނުދޮވެ ބޭނުންކުރޭ ޖަންގިޔާއެއް އުފައްދާފައެވެ. އެފަރާތްތަކުން މިކަން ކޮށްފައިވަނީ ތިމާވެއްޓާވެސް ރަހުމަތްތެރި ގޮތެއްގައެވެ.

ނޫސްތަކުން ބުނާގޮތުގައި އެކުންފުނިން މި އުފެއްދުން އުފެއްދުމަށް ބޭނުންކޮށްފައިވަނީ، އެމެރިކާގެ ޖައްވީ އިދާރާ ނާސާގައި އެސްޓްރޮނޯޓުންގެ ހެދުން ތައްޔާރުކުރުމަށް ބޭނުންކުރާ އުކުޅުތަކެވެ. އަދި، އެކަމަށް ބޭނުންކޮށްފައިވަނީ އެފަދަ ޓެކްނޮލޮޖީތަކެވެ.

ޑެންމާކުގެ މި ކުންފުނިން ބުނެފައިވާ ގޮތުން މިއީ ތަފާތު މެޓީރިއަލް ތަކާއި ތަފާތު ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އުފައްދާ އުފެއްދުމެއްކަމުގައިވިޔަސް، ފެންނަ ފެނުމަށް މިއީ އެހާ ތަފާތު އުފެއްދުމެއްގެ ގޮތުގައި ނުފެންނާނެއެވެ.

އެހާ ގިނަ ދުވަސް ވަންދެން ނުދޮވެ ބޭނުންކުރުމުން، ޞިއްޙީ ގޮތުން މައްސަލަތަކެއް ކުރިމަތިވެދާނެކަމަށް އެތައް ފަރާތަކުން ސުވާލު އުފައްދާނެއެވެ. އެކަމަށް އެކުންފުނިން ދީފައިވާ ޖަވާބަކީ މީގައި ބޭނުންކުރާ ޚާއްޞަ މެޓީރިއަލް އެއްގެ ސަބަބުން ބެކްޓީރިޔާތައް ނައްތާލުމެވެ. އަދި މިއީ އެސްޓްރޮނޮޓުންގެ ސޫޓުގައިވެސް ބޭނުންކުރާ އެއްޗެއްސެވެ.

މި އުފެއްދުން އުފައްދާފައިވީނަމަވެސް، އުފެއްދުން އަދި ބާޒާރަކަށް ނެރެފައި ނުވެއެވެ. އަދި މި އުފެއްދުން ބާޒާރަށް ނެރޭނެ ވަކި ތާރީޚެއްވެސް އެލަން ކުންފުނިން ބުނެފައި ނުވެއެވެ.

އެކުންފުނިން މިކަން ކުރުމުގެ އެންމެ މައިގަނޑު އެހެން ސަބަބަކީ، 2050 ވަނަ އަހަރު އަންނައިރު، ދުނިޔޭގައި ޖައްވަށް ގެއްލުންވާ އެންމެ ގިނަ މާއްދާތައް ބޭރުވާ އެއް ކަމަކީ އަންނައުން އުފެއްދުންކަމުގައިވުމެއެވެ. އެހެންކަމުން، އުފެއްދުންތަކުގެ އަދަދު މަދުކުރުމަށާއި ރިސައިކަލް ކޮށްފައިވާ ތަކެތިން މި އުފެއްދުން އުފެއްދީއެވެ.