މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދިވެހި ސަރުކާރުން ވަނީ 11 ޓްވިޓާ އެކައުންޓެއްގެ މައުލޫމާތު ހޯދަން ޓްވިޓާގައި އެދިފައި ކަމަށް ޓްވިޓާ އިން ބުނެފިއެވެ.

ޓްވިޓާ އިން އާންމު ކުރި ތަފާސް ހިސާބުތަކެއްގައި ބުނެފައިވާ ގޮތުގައި 11 އެކައުންޓްގެ މައުލޫމާތު ހޯދަން ދިވެހި ސަރުކާރުން އެދުނު ނަމަވެސް އެއިން އެއްވެސް އެކައުންޓެއްގެ މައުލޫމާތު ދިވެހި ސަރުކާރަށް ޓްވިޓާ އިން ފޯރުކޮށްދީފައެއް ނުވެއެވެ.

މިދިޔަ އަހަރު ރާއްޖެ އިން ވަނީ 8 ޓްވިޓާ އެކައުންޓެއްގެ މައުލޫމާތު ހޯދަން އެދިފައެވެ. އަދި އެއް އެކައުންޓް ޓްވިޓާ އިން ރިމޫވް ކުރަން މިދިޔަ އަހަރު ކޯޓު އަމުރެއް ވެސް ނެރުނު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއަމުރާއި އެއްގޮތައް އެކައުންޓް ވަނީ ރިމޫން ކޮށްފައެވެ.

ރާއްޖެ އާއި އަވައްޓެރި އެހެން ގައުމުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ޖަނަވަރީ އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް އިންޑިއާ އިން ވަނީ 772 އެކައުންޓެއްގެ މައުލޫމާތު ހޯދަން ޓްވިޓާގައި އެދިފައެވެ. ނަމަވެސް ސްރީލަންކާ އިން އެންމެ އެކައުންޓެއްގެ މައުލޫމާތު ހޯދަން ވެސް އެދިފައެއް ނުވެއެވެ. ޕާކިސްތާނުން 54 އެކައުންޓެއްގެ މައުލޫމާތު ހޯދަން އެދުނު އިރު ބަންގްލަދޭޝް އިން ވަނީ ވެސް ވަނީ އެއް އެކައުންޓްގެ މައުލޫމާތު ހޯދަން އެދިފައެވެ.

ޓްވިޓާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ރައްދުވާ 487363 އެކައުންޓެއް މިއަހަރު ވަނީ ސަސްޕެންޑް ކޮށްފައެވެ. ޓެރަރިޒަމަށް ހިތްވަރު ދިނުމުން 205156 އެކައުންޓް ވަނީ ސަސްޕެންޑް ކޮށްފައެވެ.