މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އެޤައުމުގެ ރައްޔިތުން ހިކެން ގޮވާލެއްވުމުން އެޤައުމުގެ ގިނަ ބައެއްގެ ފާޑު ކިޔުން ރައީސް އަށް އަމާޒުވެއްޖެއެވެ.

ސިއްޙީ މަޝްރޫއެއް އިފްތިތާޙްކޮށްދެއްވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޓީވީ ޕްރޮގްރާމެއްގައި ސީސީވަނީ ފަލަ މީހުންނަށް ވަރަށް ބޮޑަށް މަލާމާތްކޮށް ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެޤައުމުގެ ފަލަ މީހުންގެ ނިސްބަތް އެޤައުމުގެ ސިއްޙަތާ ބެހޭ ވަޒީރު ވިދާޅު ވަމުން ގެންދަވަނިކޮށް އެކަމަނާގެ ވާހަކަފުޅު ހުއްޓަވާ ސީސީވަނީ މީހާ ފަލަވަނީ އަމިއްލައަށް ކަމަށް ވިދާޅުވެފައެވެ.

"ބައެއް މީހުން ފެނިފައި ހިތަށް އަރާ އެމީހުންނަށް އެމީހުންގެ ސިފަ ނުފެންނަނީ ބާއޭ. އަމިއްލައަކަށް ކަސްރަތު ކުރަން ޖެހޭކަން އިޙްސާސް ނުވަނީ ބާއޭ." އޭނާ ވިދާޅުވިއެވެ.

އެޤައުމުގެ ރައްޔިތުންނަށް ނިސްބަތްކޮށް ސީސީ އިތުތަށް ވިދާޅުވީ، ހަތަރުދަމު ޓީވީ ބުޑުގައި ތިބެ ލުއި ކާނާ ކެއުމަށްފަހު ސިއްޙަތު ރަނގަޅަށް ހުންނަން ޖެހޭނެ ކަމަށް ތިމާއަށް ހީވިޔަސް އެއީ އެކަން ވާނެ ގޮތް ނޫން ކަމަށެވެ. އަދި އެޤައުމުގެ އުގަންނާދޭ ކަރިކިއުލަމްގައި ޕިޒިކަލް އެޑިއުކޭޝަން ސްކޫލްތަކުން ފެށިގެން ޔުވަރސިޓީ ލެވެލްތަކަށް އުގަންނައިދެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސީސީގެ ވާހަކަ ތަކާ ގުޅިގެން އެޤައުމުގެ ގިނަ ރައްޔިތުންވަނީ ނުރުހުން ފާޅުކޮށްފައެވެ. އާބާދީގެ ބޮޑު ބަޔަކީ އާދައިގެ ވަރަށް ވުރެ ފަލަ މީހުން ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން އިން ކަނޑައަޅާފައިވާ މިސްރުގެ މީހުން ބުނެފައިވަނީ މިސްރުގެ ސަރުކާރުން ސަބްސިޓީ ދެނީ ލުއި ކާނާއަށް ކަމަށާއި މިހެން ކަމުން މިފަދަ ތަކެތީގެ އަގު ހެޔޮ ކަމަށެވެ. އަދި ސިއްޙަތަށް ފައިދާ ހުރި ކާނާގެ އަގު ބޮޑު ކަމަށާއި ސަރުކާރުން ސިއްޙަތާމެދު ވިސްނާނަމަ ސިއްޙަތަށް ފައިދާ ހުރި ކާނާގެ އަގު ހެޔު ކުރުމަށް ސީސީއަށްވަނީ މިސްރުގެ ގިނަ މީހުން ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިލޮށި

    ތިހެންނޭނު ރާއްޖޭގަވެސް. ރާއްޖޭގައުޅޭ ސެލެބްރިޓީ ކުދިންކޮޅު ކައިރީގަވެސް ފަލައޭ ތަންކޮޅެއް ހިކިލާށޭ ބުނާއިރަށް ވާނެތިހެން.

  2. ނުރަބޯ

    އިޒްރޭލާ އެމެރިކާގެ ޕަޕެޓެއް ސީސީ އަކީ.