ރޭޕުގެ މައްސަލަތައް ހައްދު ފަހަނަ އަޅާފައި އޮތް އިންޑިޔާގައި، އަންހެން ކުއްޖަކު ރޭޕުކުރުމަށްފަހު ޕޮލިސް ސްޓޭޝަނެއްގެ ކުރިމައްޗަށް އެއްލާލި މައްސަލައެއް ފެންމަތިވެއްޖެއެވެ. މި ކުއްޖާ އެއްލާލާފައިވަނީ އެޤައުމުގެ މަޝްހޫރު ސަރަޙައްދެއްކަމުގައިވާ ކާންޕޫރު ސަރަޙައްދުގެ ޕޮލިސް ސްޓޭޝަނެއްގެ ކުރިމައްޗަށެވެ.

ގުރޭޑް 11 ގައި ތައުލީމް ހާޞިލު ކުރަމުންދާ މި ކުއްޖާ ރޭޕުކޮށްފައިވަނީ ގުރޫޕަކުންނެވެ. އަދި މިކަން ހިނގާފައިވަނީ މި ހަފްތާގެ އަންގާރަ ދުވަހުކަމަށްވެސް އިންޑިޔާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ކަން ހިނގި ގޮތް ބަޔާންކޮށް އެޤައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި އަންހެން ކުއްޖާވަނީ، މި ކުއްޖާ ރޭޕުކުރުމުގައި ހަރަކާތްތެރިވި ފިރިހެނެއް ދިރިއުޅެމުންދިޔަ ފްލެޓަކަށް ގޮސްފައެވެ. އަދި ކުއްޖާ ރޭޕުކުރީ އޭނާއާއި އޭނާގެ އެހެން ތިން ރަހުމަތްތެރިންވެގެން އެ ފްލެޓުގެ ތެރޭގައިކަމަށްވެސްވެއެވެ.

އެއަށްފަހު، މި ހަތަރު ފިރިހެނުންވަނީ ކާރެއްގެ ތެރެއަށް އެކުއްޖާ ލައިގެން ގެންގޮސް ޕޮލިސް ސްޓޭޝަނުގެ ކުރިމައްޗަށް ވައްޓާލާފައެވެ. އޭރު އެކުއްޖާ އޮތީ ހޭނެތިފައިކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

"ހިންދުސްތާން ޓައިމްސް" އިން ބުނެފައިވާ ގޮތުގައި މިކަމުގައި ބައިވެރިވި ހަތަރު ފިރިހެނުންނަކީ އަނޫރާގް ޔާދަވް، ޖެކީ، ޝުބަމް އަދި އަބީޝެކް ނަމަކަށް ކިޔާ ބައެކެވެ. އަދި މިއީ ބެޗެލަރ އޮފް ޓެކްނޮލޮޖީ ކިޔަވަމުންދާ ދަރިވަރުންތަކެއްކަމަށްވެސްވެއެވެ.

އިންޑިޔާ އިން މިފަދަ އެތައް މައްސަލައެއް ފެންމަތިވެފައިވެއެވެ.