ވާދަވެރިކަން އޮތް ކަމުގައިވިޔަސް، ސަލްމާން ޚާން، ޝާހުރުކް ޚާން އަދި އާމިރު ޚާނަކީ ބޮލީވުޑުގައި ތިބި ނަމޫނާ ރަހުމަތްތެރިންތަކެކެވެ. އެމީހުންގެ ގާތްގުޅުމުގެ ވާހަކަ ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން އަބަދުވެސް ދައްކައެވެ.

ސަލްމާނަށް 53 އަހަރު ފުރުމާ ގުޅިގެން އޭނާގެ ފާމްހައުސް ގައި ބޭއްވި ޕާޓީ އިން ޝާހުރުކް އާއި އާމިރު ނުފެނުމުން އެތަރިންގެ ފޭނުންވަނީ ސުވާލު އުފައްދާފައެވެ. ފިލްމީ ދާއިރާގެ އެހެން ވަރުގަދަ ތަރިން ފެނުނުއިރު، އެތަރިން ނުފެންނާތީ ސުވާލުތަކެއް ބަންޑުން ކުރިއެވެ.

ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ އިންޑިޔާގެ ނޫހެއްކަމުގައިވާ "ޕިންކްވިލާ" ގައި ބުނެފައިވާ ގޮތުން، އާމިރު ޚާން މި ޕާޓީ އަށް ގޮސްފައިވަނީ އިންޑިޔާގައި ނެތުމުންނެވެ. އެގޮތުން އޭނާ މިހާރު ހުރީ އޭނާގެ ކުރިއަށް އޮތް ފިލްމު އިޝްތިހާރު ކުރުމަށް ޗައިނާގައެވެ.

ހަމައެހެންމެ، ޝާހުރުކް ބިޒީކޮށް އުޅެނީ އެންމެ ފަހުން ނެރެފައިވާ އޭނާގެ "ޒީރޯ" އިޝްތިހާރު ކުރުމުގައެވެ. އެމަސައްކަތް ކުރުމަށް އޭނާ ދަނީ އެކި ސަރަޙައްދުތަކަށް ދަތުރުކުރަމުންނާއި، އެކި ޓީވީތަކަށް އަރާ އިންޓަވިއު ދެމުންނެވެ.

ސަލްމާނުގެ ޕާޓީގައި، އޭނާގެ އާއިލާގެ މެންބަރުންގެ އިތުރުން ދެން ބައިވެރިވި ތަރިން ތެރޭގައި، ކެޓްރީނާ ކައިފް، ސުޝްމިތާ ސެން، ޖެކުލީން ފެނާންޑޭޒް، ސޮނާކްޝީ ސިންހަ، ކްރިތީ ސެނޮން އަދި އިތުރު އެހެން ތަރިން ހިމެނެއެވެ.