އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކު ރަހީނުކޮށްގެން ގޮސް ޖިންސީ އަނިޔާކޮށް ރޭޕްކޮށްލި މައްސަލައެއްގައި، އެމެރިކާގެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ދެކުނު ކެރޮލީނާއަށް ނިސްބަތްވާ ތޯމަސް ލޯޓަން ނަމަކަށްކިޔާ މި ފިރިހެން މީހާގެ މައްޗަށް، ރަހީނު ކުރުމާއު ކުޑަ ކުއްޖަކަށް ޖިންސީ ހާނިކަ ކުރުމުގެ ތުހުމަތުކޮށްފައި ވާއިރު، އޭނާ އުމުރަށް ޖަލަށްލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި އުމުރުން 37 އަހަރުގެ ތޯމަށް، އެކުއްޖާ ރަހީނުކޮށްގެން ދިޔައީ، އެކުއްޖާގެ މަންމަ މަގުމަތިން ފެނިގެން އޭނާގެ ފަހަތުން އެގެއަށް ގޮހެވެ. އަދި އެ ކުއްޖާގެ މަންމަ އަށް ހަތިޔާރުން ބިރުދައްކައި، ވާގަނޑަކުން އެއްސުމަށްފަހު އޭނާގެ ކުރިމަތީގައި އެ ތުއްތު އަންހެން ކުއްޖާ ރޭޕްކޮށްލީ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

ރަހީނު ކުރުމުގެ މައްސަލައެއްގައި މީގެ ކުރިންވެސް ޖަލު ހުކުމެއް ކޮށްފައިވާ ތޯމަސް، މިފަހަރު ހައްޔަރުކޮށްފައި މިވަނީ، ކުރިން ފެންމަތިވި އެފަދަ މައްސަލައެއްގައި މިމަހުގެ 27 ވަނަ ދުވަހު އޮންނަ ޝަރީއަތުގެ މަޖިލީހަކަށް އައުމަށްވެސް އަންގާފައިވަނިކޮށެވެ. އަދި މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި އޭނާ އެކި ފަހަރުމަތިން ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

"މިފަދަ މައްސަލަތަކުގައި އޭނާ ވަނީ ރިކޯރޑެއް ހަދާފައި. އަދި ޖަލުން ދޫކޮށްލިތާ ދެ ހަފްތާ ވަރު ވާނީވެސް. އޭނާގެ އުމުރުން 19 އަހަރުގައި ވެސް އޭނާވަނީ 15 އަހަރުގެ އަންހެންކުއްޖެއް ރޭޕްކޮށްފައި" އޮފިޝަލަކު ބުނެފައިވެއެވެ.

މި މައްސަލަ އެމެރިކާގެ ކަމާއި ބެހޭ އިދާރާތަކުން އިތުރަށް ތަހުޤީޤުކުރަމުންދާއިރު، އޭނާ އާއި ތޯމަސް އާއި ގުޅޭ އިތުރު ރޭޕްގެ މައްސަލަތަކެއްވެސް ދަނީ ބަލަމުންނެވެ.

ރޭޕްގެ މައްސަލަތަކަކީ ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަހަރަކަށްފަހު އަހަރެއް އިތުރުވަމުން އަންނަ މައްސަލަތަކަކަށް ވާއިރު، މިފަދަ މައްސަލަތައް އެންމެ ގިނައިން ފެންމަތިވާ އެއް ޤައުމަކީ އަވައްޓެރި އިންޑިއާއެވެ.