ބޮލީވުޑްގެ މަޝްހޫރު ދެ ތަރިންކަމަށްވާ ޓައިގާ ޝްރޮފް އާއި އޭނާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ދިޝާ އާއި ޓައިގާ ރާއްޖެ އައިސްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގައެވެ. އެ ދެތަރިން ރާއްޖެ އައިސްފައިވަނީ އާ އަހަރު ފާހަގަކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް މި ދެތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ރިސޯޓެއްގައިކަން ކަށަވަރުވެފައެއް ނުވެއެވެ. ޓައިގާ އާއި ދިޝާ އަންނަނީ ރާއްޖޭގައި އެމީހުން ޗުއްޓީ ހޭދަކުރާއިރު ނަގާފައިވާ ހިތްގައިމު ފޮޓޯތައް މީސްމީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނަށް ހިއްސާކުރަމުންނެވެ.

ޓައިގާ އާއި ދިޝާ ވަނީ މިދިޔަ އަހަރުވެސް އާ އަހަރު ފާހަގަކުރުމަށް ރާއްޖެ އައިސްފައެވެ. އެފަހަރު އެ ދެތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރީ ކޮންރެޑް މޯލްޑިވްސްގައެވެ.

މިއަހަރުގެ އާއަހަރުގެ ޗުއްޓީ އާއި ދިމާކޮށް އިންޑިއާ އާއި ހޮލީވްޑްގެ މަޝްހޫރު ފަންނާނުންނާއި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ވެސް ގެންދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

އިންޑިއާގެ ފަންނާނުންގެ އެންމެ މަގުބޫލް މަންޒިލަކަށް މިހާރު ރާއްޖެ ވެފައި ވާއިރު ރާއްޖޭގައި ޗުއްޓީ ހޭދަކުރާ އިންޑިއާގެ އާއްމުންގެ އަދަދު ވެސް މިހާރު އަންނަނީ އިތުރުވަމުންނެވެ.