ރީތި ހަންގަނޑެއް ބޭނުންވެގެން އުޅޭ އަންހެން ކުދިން މަދެއް ނުވާނެއެވެ. އެކަމަަށްޓަކައި އަތުން އެތަކެއް ޚަރަދުތަކެއް ވެސްކުރެއެވެ. އެހެންނަމަވެސް، މިކަމަށް ޚަރަދު ކުޑަ ފަސޭހަ ހައްލެއް އެބަ އޮތެވެ. އެއީ ނިދުމުގެ ކުރިން ހަންގަނޑަށް އެކަށީގެންވާ ފަރުވާއެއް ދިނުމެވެ. މިހެން މިކަން ކުރެވިއްޖެނަމަ، ނިދިން ހޭލާއިރުވެސް ހަންގަނޑު ތާޒާ ކަންމަތީ ބެހެއްޓިދާނެއެވެ. މިގޮތުން، ކުރެވިދާނެ ބައެއް ކަންކަން ތިރީގައި މި ވަނީއެވެ.

ނިދުމުގެ ކުރިން މޭކަޕް ފިލުވާލާ!

ތަފާތު އެތައް ވައްތަރެއްގެ މޭކަޕް ސާމާނު ބޭނުންކޮށްގެން ނަލަ ހެދިގެން އޮވެ، އެ ނުފިލުވާ ނިދައިފިނަމަ މޫނުގެ ސެލްތަކުގެ ހެދިބޮޑުވުމަށް ހުރަސް އެޅޭނެއެވެ. އަދި ހަންގަނޑު ކުރަކި ވުމަށް މަގުފަހިވާނެއެވެ. މިކަމުގެ ހައްލެއްގެ ގޮތުން، މޭކަޕް ފިލުވުމަށް ހާއްސަ ތެލެއް ބޭނުން ކުރެވިދާނެއެވެ. އަދި ނިދުމުގެ ކުރިން ރީތިކޮށް މޫނު ދޮންނަން ހަނދާން ނައްތާނުލާށެވެ.

މޮއިސްޗާރ އެއް ބޭނުން ކުރެވިދާނެ!

ނިދުމުގެ ކުރިން މި ފަދަ އެއްޗެއް ބޭނުން ކޮށްފިނަމަ، ހަންގަނޑަށް ތާޒާކަން ގެނެެސްދޭނެއެވެ. އަދި މޭކަޕް ކުރުމުގެ ސަބަބުން ވަޅުވަދެފައިވާ ސެލްތައް ވެސް ތާޒާ ވެގެންދާނެއެވެ. އެހެންނަމަވެސް، އެއީ ރޭގަނޑު އުގުޅުމަށް ހާއްސަ ކްރީމެއްތޯ ޔަޤީން ކުރުމަށްފަހު ނޫނީ ބޭނުން ނުކުރާށެވެ. އެއީ ދުވާލު ބޭނުން ކުރުމަށް އުފައްދައިފައިވާ ކްރީމް ތަކާއި ރޭގަނޑު ބޭނުން ކުރުމަށް އުފައްދައިފައި ހުންނަ ކްރީމް ތަފާތު ވާނެތީއެވެ.

ލޮލަށް ހާއްސަ 'އައި ކްރީމެއް' ބޭނުން ކުރައްވާ!

ލޮލުގެ ތިރީގައިވާ ސަރަހައްދަކީ ވަރަށް ގިނައިން ކަޅުވެ މޫނުމަތީގެ ރީތިކަން ގެއްލުވާލާ ސަރަހައްދެކެވެ. މިކަމަށް ހައްލެއްގެ ގޮތުން، ލޮލަށް ހާއްސަ 'އައި ކްރީމެއް' ބޭނުން ކުރެވިދާނެއެވެ. އޭރުން ލޯ ކައިރި ހުންނަ ކަޅު ލަށްތައް ފިލުވާލަދޭނެއެވެ.

ކޮންމެ ރެޔަކުވެސް ކުޑަކުޑަ ފޭސް މާސްކެއް!

ބުރަ ދިރިއުޅުމެއްގައި އުޅޭއިރު، މިއީ ކޮންމެ ކޮންމެ ރެޔަކު ކުރުމަށް މާ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް، ކުޑަކުޑަ ވަގުުތު ކޮޅަކަށް ނަމަވެސް، ކޮންމެ ރެޔަކުވެސް ނިދުމުގެ ކުރިން މިކަން ކޮށްލުން ބުއްދިވެރިއެވެ. އޭރުން ހަންގަނޑު ކުރަކިވުމުން ވެސް ދުރުކޮށްދޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗވބބ

    އުނދަގޫ

  2. ތުނިޔަ

    ހާދަ މަސައްކަތެއް ކުރަންމިޖެހެނީ ނިދުމުގެ ކުރިން! ނުވާނެ މަށަކަށް ގައިމުވެސް.

    5
    1