އަވަށްޓެރި އިންޑިޔާގައި މަސައްކަތް ކުރަމުންދާ ދަނޑުވެރިންނަށް އެކަށީގެންވާ އާމްދަނީ އެއް ނުލިބޭކަމުގެ ވާހަކަ ދަނީ ވަރަށް ބޮޑަށް ދެކެވެމުންނެވެ. މިއީވެސް އެކަން ހާމަވާ ވަރަށް ހިތާމަވެރި ޚަބަރެކެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ވިއްކާލަން ދިން ގިނަ އަދަދެއްގެ ފިޔައަށް ހަމަ އަގު ނުލިބި، ޙައްޤު މިންވަރަކަށް ވުރެ އެތައް ގުނައެއް މަދު އަދަދެއްގެ ފައިސާ ލިބުމުން ދަނޑުވެރިއަކަށްވަނީ ވަރަށް ސިހުމެއް ގެނުވާފައެވެ. އެކަމުގެ ސަބަބުން އެމީހާއަށްވަނީ ހާޓް އެޓޭކެއް ޖެހި، އެކަމުގެ ސަބަބުން މަރުވެފައެވެ.

އުމުރުން 40 އަހަރުގެ ދަނޑުވެރިއަކަށް މިކަން ކުރިމަތިވިއިރު، އެމީހާގެ ދަރިފުޅުވަނީ މިކަން ހިނގާދިޔަ ގޮތް ނޫސްވެރިންނަށް ހިއްސާކޮށްފައެވެ.

ބެރޫލާލް މަލްވިޔާ ނަމަކަށް ކިޔާ މި މީހާ ގިނަ އަދަދެއްގެ ފިޔާ ހިފައިގެން ދިޔައީ ސަރުކާރުގެ ފަރާތުން ފިޔާ ގަންނަ ބައެއްގެ ގާތަށެވެ. އެތައް ދުވަހެއް ވަންދެން، އެތައް މަސައްކަތެއް ކޮށްގެން ލިބިފައިވާ މި ފިޔާތައް ވިއްކާލުމަށްފަހު ބަދަލުގެ ގޮތުގައި ލިބުނީ އެންމެ 10،440 އިންޑިޔަން ރުޕީސް އެވެ. މިއީ އޭނާ ގެންދިޔަ ފިޔައާ އަޅާ ބަލާއިރު އެއްގޮތަކަށްވެސް އެކަށީގެންވާ އަގެއް ނޫނެވެ.

މިކަމުގެ ސަބަބުން ލިބުނު ކުއްލި ޝޮކުގެ ސަބަބުން މި ދަނޑުވެރިޔާ އަށް ހާޓް އެޓޭކް ލިބުނީ އެތަނުގައި ހުއްޓައެވެ. އެހެންނަމަވެސް، އޭނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    ހިއްތަކަށް ހަގީގީ ހަމަޖެހުންވަނީ ހަމައެކަނި މާތްﷲ ހަނދުމަކުރުމުން.
    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ