މިއަދާއި އިއްޔެ، ފޭސްބުކް މެސެންޖަރގައި މެސެޖްއެއް ދައުރުވަމުން އައެވެ. މިމެސެޖްގައި ބުނެފައިވަނީ “މި ފޮޓޯ މެސެންޖަރ އިން ފޮނުވާ ކޮންމެ ފޮޓޯއަކަށް ކުޑަ ކުއްޖާއަށް ޑޮލަރު ލިބޭނެ. ކިޑްނީ ޓްރާންސްޕްލާންޓް ހަދަން.” މިހެންނެވެ.

މިހާތަނަށް އަޅުގަނޑަށްވެސް 5 މީހަކު މިމެސެޖް ފޮނުވައިފިއެވެ. ކުއްޖާއަށް އެހީތެރިވުމުގެ ހެޔޮ ނިޔަތުގައެވެ. ނަމަވެސް ޙަޤީޤަތަށް ބަލާލަމާ ހިނގާށެވެ.

މީގެ ކުރިން މިގޮތަށް މެސެޖް ދައުރު ކުރަމުން ދިޔައީ ފޭސްބުކްގައެވެ. ފޭސްބުކް ޝެއަރ ހޯދުމުގެ ގޮތުން ޝެއަރ ކުރާ ކޮންމެ މީހަކަށް ކޮންމެވެސް ބަލި ކުއްޖަކަށް ފޭސްބުކްއިން އެހީވާނެ ކަމަށް ބުނެ ޕޯސްޓްތަކެއް ދައުރު ކުރަމުން ދިޔައެވެ. މިކަން މިހެންވަމުން ދަނިކޮށް މިކަން އެފަހަރު ހުއްޓުވާފައިވަނީ ފޭސްބުކްގެ ބާނީ އަދި ސީއީއޯ މާކް ޒްކާބާގްއެވެ. މިގޮތަށް ފޭސްބުކްއިން އެހީތެރިން ނުދޭނެ ކަމަށްބުނެ އޭނާވަނީ އޭނާގެ ރަސްމީ އެކައުންޓްގައި ޕޯސްޓްއެއް ކޮށްފައެވެ. އެއާއެކު މިގޮތަށް "ގަޅިހެއްދުން" ކުޑަކޮށް މަދުވިއެވެ.

ނަމަވެސް އަނެއްކާވެސް މިއީ މިފަދަ މަސައްކަތެވެ. މިހާރު ފޭސްބުކްގައި ދައުރުވަމުން އަންނަ މެސެޖްވާ ކުއްޖާއަކީ ކިޑްނީ ބައްޔައް ބޭސް ކުރަމުން އަންނަ ކުއްޖެއް ނޫނެނެވެ. 4 އަހަރުގެ އަނިންހާ ކިޔާ މިކުއްޖާއަކީ ލޭގެ ކެންސަރު ޖެހިފައިވާ ކުއްޖެއެވެ. އަދި މިކުއްޖާގެ ފޮޓޯ ބޭނުންކޮށްފައިވަނީ ލޭ ދިނުމަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުންނެވެ.

މިގޮތަށް ފޭސްބުކް އަދި މެސެންޖާގައި ދައުރުވާ މެސެޖްތަކަކީ ފޭކް މެސެޖްތަކަކެވެ. ހަމަ ބުއްދިން ވިސްނާލުމުން މިކަން ތިމާއަށް އެނގޭނެއެވެ. ޑޮނޭޝަން ބަޓަންއެއް ނެތި ހަމަ އެއްޗެއް ޝެއަރ ކުރުމުން އެއްވެސް މީހަކަށް ވާނެ ފައިދާއެއް އޮންނާނެ ހެއްޔެވެ؟